އިންތިގާލީ މަރުހަލާގެ ތެރޭގައި ގައުމުތަކަށް އާ ސަފީރުން ހަމަޖެއްސުން އިންތިހާބީ ރައީސްގެ އިންތިގާލީ ކޮމެޓީތަކުގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ ކުށްވެރިކުރައްވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ދަނޑިވަޅުގައި އާ ސަފީރުން ހަމަޖެއްސުމަކީ އެކަމުގެ ސަބަބުން ސަރުކާރަށާއި އެ ކަނޑައަޅާ ސަފީރަކަށް ވެސް ގެއްލުން ބޮޑު ކަމެއް ކަމަށެވެ.
"މި ސަރުކާރުން އދ އަށް ފޮނުވާ ސަފީރު ނުވެދާނެ އަންނަ ސަަރުކާރުން އެތަނުގައި ބަހައްޓަން ބޭނުންވާ ބޭފުޅާއަށް. އެއީ ތަފާތު ސިޔާސަތުތަކެއް މި ގެންގުޅެނީ. ދެން އަނެއްކާ އޭނަ ބަދަލުކުރަންވީމަ ދައުލަތަށް ވެސް ވަރަށް ބުރަ ބޮޑުވޭ އެބަ. ހަރަދުތަކެއްްވެސް އިތުރަށް އެބަ ހިނގާ" އަބްދުއްރަހީމް ވިދާޅުވި އެވެ.
ވެރިކަން ބަދަލުވުމަށް މަހެއްހައި ދުވަހަށް ވެފައި ވަނިކޮށް ގައުމުތަކަށް ސަފީރުން އައްޔަންކޮށްފައި ވަނިކޮށް ދެން އަންނަ ސަރުކާރަކުން ސަފީރުން ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެހެން ކަމުން މި ދަނޑިވަޅުގައި އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ބުއްދީގެ ހަމައިން ވިސްނާލީމަ އެބަ އެނގޭ [ސަފީރުން ކަނޑައެޅުން] އެއީ މިވަގުތު ކުރަން ޖެހޭ ކަމެއް ނޫންކަން." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ވެރިކަން ބަދަލުވުމަށް ކުޑަތަންވެފައި ވަނިކޮށް އެފަދަ ކަންކަން ނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
މިހާރު ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުން ސިވިލް ސާވިސްގެ މަތީ މަގާމުތަކަށް ބަދަލުކުރާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެކަން ވެސް ނުކުރެއްވުމަށް އަބްދުއްރަހީމް ގޮވާލެއްވި އެވެ.
ޔޫއޭއީ އާއި ބަންގްލަދޭޝްއަށް ސަފީރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިންނެވެ. ނަމަވެސް އޭގެ ފަހުން ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރަކަށް ހަދީޖާ ނަޖީހާ އައްޔަން ކުރުމަށް ރުހުން ހޯދުމަށް ފޮނުވާފައި ވެއެވެ.













