ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގެންފައިވާ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން އެ ގައުމުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ގެއްލުންތަކުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުނޫތު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓަރީން އަންގައިފި އެވެ.
ލޯކަލް ގަވަމަންޓު އޮތޯރިޓީއާއި ރާއްޖޭގެ ހުރިހާ ކައުންސިލުތަކަށް އިސްލާމިކް މިނިސްޓަރީން މިއަދު ފޮނުވި ސާކިއުލާއެއްގައި އެދުނީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ޤުނޫތު ނާޒިލާ ކިޔުމަށް ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގައި ދިނުމަށެވެ.
ދުނިޔޭގެ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިމަށް ސަހްޔޫނީ ޔަހޫދީން ވެރިވެގަނެ ހިންގަމުން ގެންދާ ޒަމާންވީ ލާއިންސާނީ ޖަރީމާއާ ދެކޮޅަށް އަޑުއުފުލުމުގެ ރޫހު މުޅި ދުނިޔޭގައި އަނެއްކާވެސް އައުވެފައި މިވަނީ ތޫފާނުލް އަގުސާގެ ނަމުގައި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުން ފެށި ކުއްލި އޮޕަރޭޝަނާ ގުޅިގެން އެ ގައުމުގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުންނެވެ.
ހަމާސްގެ ހަނގުރާމަވެރިންނާއި ސަހްޔޫނީ ޔަހޫދީ ސިފައިންގެ ކުރިމަތިލުންތަކުގައި މިހައިތަނަށް ފަލަސްތީނުގެ 950 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. އިޒްރޭލު ސަރުކާރުން ވަނީ ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި މުސްލިމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެފަ އެވެ.












