ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެފައިވާ އިޒްރޭލުން، ގާޒާއަށް ފޯރުކޮށްދޭ ކަރަންޓާއި ފެނުގެ ހިދުމަތްތައް ކަނޑާލުމަށް އިޒްރޭލުން ނިންމައިފި އެވެ.
އިޒްރޭލުން މިފަދައިން ފިޔަވަޅު އަޅާފައިވަނީ މި މަހު ހަތެއްގައި ހަމާސް ޖަމާއަތުން ދޭން ފެށި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ހަނގުރާމަ އިއުލާންކޮށް ގާޒާއަށް މެދުނުކެނޑި ހަމަލާ ދެމުންދާ ހާލަތެއްގަ އެވެ.
"މިހާރުން މިހާރަށް ގާޒާއަށް ފޯރުކޮށްދޭ ފެނުގެ ހިދުމަތް ކަނޑާލަން ވާނީ އޯޑަރު ދެވިފަ، ކަރަންޓާއި ތެޔޮ އިއްޔެ ވާނީ ކަނޑާލާފަ،"
އިޒްރޭލުގެ އެނާޖީ މިނިސްޓަރު ކަޓްޒް 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ކުރިން ދެމުން އައި ހިދުމަތްތައް ދެން ނުދެވޭނެ ކަމަށެވެ.
ވަށައިގެން ބަންދުކޮށްފައިވާ ގާޒާގައި ދިރިއުޅޭ 2.3 މިލިއަނެއްހާ މީހުން ފެނާއި ކަރަންޓު އަދި ކާބޯތަކެތި ފަދަ ޒަރޫރީ ބޭނުންތަކަށް ބަރޯސާވަނީ އިޒްރޭލަށެވެ. އެހެން ގައުމަކުން ގާޒާއަށް ތަކެތި އެތެރެކުރުން އޮންނަނީ މަނާކޮށްފަ އެވެ.

ފަލަސްތީނުގެ ތަފާސްހިސާބުތައް ދައްކާގޮތުން ގާޒާއަށް ބޭނުންވާ ކަރަންޓުގެ 80 އިންސައްތަ ލިބެނީ އިޒްރޭލުންނެވެ. ބާކީ 20 އިންސައްތަ އަކީ ފަލަސްތީނު ސަރުކާރުން ހިންގާ އިންޖީނުގެ ގެތަކުން އުފައްދާ ކަރަންޓެވެ.
ފެނަށް ބަލާނަމަ، ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކުން ލިބޭ ޖުމްލަ ފެނުގެ 85 އިންސައްތަ ކޮންޓްރޯލް ކުރަނީ އިޒްރޭލުންނެވެ. ގާޒާއަށް ބޭނުންވާ ފެނުގެ ބޮޑު ބައެއްވެސް ލިބެނީ އިޒްރޭލުން ކޮންޓްރޯލް ކުރާ ވަޅުތަކުންނެވެ.
ހަނގުރާމައާ ގުޅިގެން 123،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، ގާޒާއަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް އދ. އިންވެސް ވަނީ އެދިފަ އެވެ.













