ހަމާސް އާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމާގެ ސަބަބުން ގާޒާގައި ގެދޮރު ގެއްލުނު މީހުން ހިމާޔަތް ހޯދަމުންދިޔަ އދ. ގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީފި އެވެ.
އދ. ގެ އޮފިޝަލުން ބުނި ގޮތުގައި އިޒްރޭލުން ވައިގެ މަގުން ދިން މި ހަމަލާގައި ސްކޫލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. ނަމަވެސް، 250 މީހުން ހިމާޔަތް ހޯދަމުންދިޔަ މި ސްކޫލަށް ދިން ހަމަލާގައި އެއްވެސް މީހަކު ޝަހީދުވެފައިނުވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ.
"އެއްވެސް ފަރާތެއްގެ ފުރާނަ ނުގެއްލުނު ނަމަވެސް ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި" އދ. ގެ އޮފިޝަލް ބުންޏެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުން ފެށުމާއެކު އިޒްރޭލުގެ ބޮޑުވަޒީރު ވަނީ ފަލަސްތީނުގެ ސުކޫލުތަކާއި ހޮސްޕިޓަލުތަކާއި އާންމުންގެ ގެތަކަށް އަމާޒުކޮށް ހަމަލާ ދެއްވާނޭކަމަށް ފާޅުގައި ވިދާޅުވެފަ އެވެ.
ހޮނިހިރު ދުވަހު ފެށި ހަމަލާތަކާ ގުޅިގެން މިހާތަނަށް ގެދޮރު ގެއްލުނު މީހުންގެ އަދަދު 123،000 އަށްވުރެ މަތީގައި އުޅޭއިރު އެ އަދަދު މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށް އިންސާނިއްޔަތަށް މަސައްކަތް ކުރާ ގިނަ ޖަމާއަތްތަކާއި މީޑިއާތަކުން ދަނީ ބުނަމުންނެވެ.

ގަތަރުގެ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 159 ހައުސިން ޔުނިޓު އެއްކޮށް ސުންނާފަތިވެފައިވާއިރު، 1،210 އަށްވުރެ ގިނަ ހައުސިން ޔުނިޓަށް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ.
އދ. އިން މައުލޫމާތު ދޭ ގޮތުގައި ގާޒާގައި ގެދޮރު ގެއްލިފައިވާ މީހުން މިހާރު ހިމާޔަތް ހޯދަމުންދަނީ 64 އަށްވުރެ ގިނަ ސްކޫލުތަކުގަ އެވެ. އޭގެ ތެރޭގައި އދ. އިން އަޅާފައިވާ ސްކޫލުތައްވެސް ހިމެނެ އެވެ.
ނަމަވެސް، އިޒްރޭލުން އަންނަނީ ސްކޫލުތަކާއި މިސްކިތްތަކަށްވެސް ހަމަލާދެމުންނެވެ. މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 465 މީހަކު ވަނީ ޝަހީދު ކޮށްލާފަ އެވެ.













