އިޒްރޭލާ ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމާގައި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ގާޒާގައި ދިރިއުޅޭ 123،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެ އެވެ.
އދ. ގެ ހިއުމެނިޓޭރިއަން ރިލީފް އެޖެންސީއިން މައުލޫމާތު ދޭ ގޮތުގައި ހޮނިހިރު ދުވަހު ހަމާސްއިން އިޒްރޭލަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، ހަނގުރާމަ އިއުލާންކޮށް އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި އާންމުން ދިރިއުޅޭ ގެތަކާއި އިމަރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.
އެ ގެއްލުންތަކާ ގުޅިގެން މިހާތަނަށް ގެދޮރު ގެއްލުނު މީހުންގެ އަދަދު 123،000 އަށްވުރެ މަތީގައި އުޅޭއިރު އެ އަދަދު މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށް އިންސާނިއްޔަތަށް މަސައްކަތް ކުރާ ގިނަ ޖަމާއަތްތަކާއި މީޑިއާތަކުން ދަނީ ބުނަމުންނެވެ.
ގަތަރުގެ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 159 ހައުސިން ޔުނިޓު އެއްކޮށް ސުންނާފަތިވެފައިވާއިރު، 1،210 އަށްވުރެ ގިނަ ހައުސިން ޔުނިޓަށް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ.
އދ. އިން މައުލޫމާތު ދޭ ގޮތުގައި ގާޒާގައި ގެދޮރު ގެއްލިފައިވާ މީހުން މިހާރު ހިމާޔަތް ހޯދަމުންދަނީ 64 އަށްވުރެ ގިނަ ސްކޫލުތަކުގަ އެވެ. އޭގެ ތެރޭގައި އދ. އިން އަޅާފައިވާ ސްކޫލުތައްވެސް ހިމެނެ އެވެ.

ނަމަވެސް، އިޒްރޭލުން އަންނަނީ ސްކޫލުތަކާއި މިސްކިތްތަކަށްވެސް ހަމަލާދެމުންނެވެ. މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 465 މީހަކު ވަނީ ޝަހީދު ކޮށްލާފަ އެވެ.












