އިޒްރޭލާ ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމާގައި އިޒްރޭލުގެ އަސްކަރިއްޔާއިން ކެމިކަލް ހަތިޔާރު ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށްފި އެވެ.
ހަމާސްގެ އިތުރުން ގައްޒާގައި ހަރަކާތްތެރިވަމުންދާ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ނޫސްވެރިންވެސް ވަނީ ރޭ އިޒްރޭލުން ދިން ހަމަލާތަކުގައި ހުދު ފޮސްފަރަސް ގޭސް ބޭނުންކޮށްފައިވާކަމަށް ބުނެފަ އެވެ. ފޮސްފޮރަސް ގޭސް އެނދުމުން ފެންނަ ކަނި އަދި ހުދު ދުން ފެންނަ ވީޑިއޯތަކެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މި ތުހުމަތުތަކަށް އިޒްރޭލުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. ހަމާސްއިން ތުހުމަތު ކުރަނީ އިޒްރޭލުން ފޮސްފޮރަސް ބޮން ބޭނުންކޮށްފައިވަނީ ގާޒާގެ އާންމުން ދިރިއުޅޭ އެންމެ ބާރުބޮޑު ހިސާބަށް ހަމަލާ ދިނުމަށް ކަމަށެވެ.
މީގެ ކުރިން 2009 އަދި 2013 ގައިވެސް އިޒްރޭލުން ފޮސްފޮރަސް ބޭނުންކުރިކަން ވަނީ ސާބިތުވެފަ އެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އެކަމުގެ ހެކިވެސް ހޯދާފަ އެވެ. ކެމިކަލް ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލާނަމަ ހަނގުރާމައިގެ އެންމެ ބޮޑު އެއް ޖަރީމާ އެވެ.
ހަމާސްއިން ވައި، ކަނޑު އަދި ބިމުގެ މަގުން އިޒްރޭލަށް ހަމަލާ ދޭން ފެށީ ހޮނިހިރު ދުވަހު އެވެ. އެ ހަމަލާތައް ވެގެންދިޔައީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތް ފަހުން އެ މީހުން ކުރިމަތިލީ އެންމެ ނުރައްކާތެރި ހަމަލާތަކަށެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން މި ހަނގުރާމައިގައި ފަލަސްތީނުގެ 465 މީހުން ވަނީ ޝަހީދު ކޮށްލާފަ އެވެ. އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާތަނަށް 700 އަށް ވުރެ މައްޗެވެ.












