ފަލަސްތީނަށްް ގަދަކަމުން ވެރިވެގެންފައިވާ އިސްރޭލުގެ ސިފައިންނާ ދެކޮޅަށް ހަމާސް ޖަމާއަތުން ކުރަމުންގެންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އާންމު ހިދުމަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ އިން މިއަދު ހުޅުވާލި ފަންޑަށް މިހާތަނަށް 450،000 އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
އޭއައިސީގެ ޑިރެރެކްޓާ އޮފް މީޑިއާ އެންޑު ޕަބްލިކް ރިލޭޝަންސް، އަޒްހަދު އަހުމަދު "އަދަދު" އަށް ވިދާޅުވީ މިއަދުގެ މިހައިތަނަށް 450،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ލިބިފައިވާ ކަމަށާއި އެހީވާން ބޭނުންވާ މީހުންނަށް އަދިވެސް އެފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ގާޒާ ފަންޑަށް އެހީވާން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ އޭއައިސީގެ ބީއެމްއެލް އިސްލާމިކް އެކައުންޓު، 7770000062741 އަށެވެ. އެކައުންޓުގެ ނަމެއްގެ ގޮތުގައި އިންނާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އެވެ.
އަޒްހަދު ވިދާޅުވީ ފަންޑަށް ފައިސާ ލިބެމުންދާ މިންވަރުން ގާޒާގައި ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހުންގެ ކެއުންބުއިމުގެ ކަންކަމަށް މިހާރުވެސް އައިއޭސީން އެހީވަމުންދާ ކަމަށެވެ.
"މިހާރުވެސް ފައިސާ ލިބެމުންދާ މިންވަރަކުން މިދަނީ ގާޒާގައި ހުންނަ ހޮސްޕިޓަލްތަކާއި މެޑިކަލް އެކިކަހަލަ ހިދުމަތްތައް ދިނުމުގައި އުޅޭ މީހުންގެ ކެއުންބުއިމަށް އެހީތެރިކަން ފޯރުކޮށްދެމުން،" އަޒްހަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަންޑަށް ލިބޭ ފައިސާއިން ގާޒާ އަލުން އާރާސްތު ކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އައިއޭސީގެ ފަރާތުން ގާޒާއަށް ފޯރުކޮށްދޭ އެހީ ބެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ ގާޒާ އެމަޖެންސީ ރިލީފުންނެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގ މަގުސަދުގައި އައޭސީ އުފެއްދީ 2016 ވަނަ އަހަރު އެވެ. އޭގެފަހުން ދުނިޔޭގެ އެކި ކަންކޮޅުގައި ހާލުގައި އުޅޭ މުސްލިމުންނަށް އެހީތެރިވުމުގެ ތަފާތު ކެމްޕެއިންތައް އެ ޖަމިއްޔާއިން ކުރަމުން ގެންދެ އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އައޭސީއިން ގާޒާ ފަންޑު ހުޅުވާލީ މިއަދު ހެނދުނު 8:30 ގަ އެވެ.












