އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ އިއުލާންކުރުން އޮންނާނީ މި ހިނގާ އޮކްޓޯބަރު 8، ގައި އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރެވިފައިވާކަމަށާއި، ދާއިމީ ނަތީޖާ އިއުލާން ކުރުން އޮންނާނީ މިމަހުގެ އަށްވަނަ ދުވަހުގެ 15:00 ގައި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ އަންދާޒާ ކުރެވޭ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒެވެ. އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް އޭނާ ކުރި ހޯއްދެވީ، ޖުމްލަ ވޯޓުގެ 54 ޕަސެންޓު ހޯއްދަވައިގެންނެނެވެ.
އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވިއިރު، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ. އެފަހަރު އެމަނިކުފާނަށް 46 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.
ދެ ވަނަ ބުރުގައި 243،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 282,804 މީހުންގެ ތެރެއިން 86 ޕަސެންޓެވެ.














