ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.
އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި 282،804 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އަލަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 409 އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 285،631 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށް އިސީން މައުލޫމާތުދެ އެވެ. އިންތިހާބުގެ ފުރަތަމަ ބުރަށް ޗާޕުކުރީ ޖުމްލަ 285،219 ވޯޓު ކަރުދާހެވެ. ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބުނީ 282،395 މީހުންނަށެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބަހައްޓަން ނިންމާފައިވަނީ ޖުމްލަ 586 ވޯޓު ފޮއްޓެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ބެހެއްޓީ 574 ވޯޓު ފޮއްޓެވެ.













