ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނުދައްކަން ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ އެވެ.
ނަޝީދާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ނިޒާމު ކަނޑައަޅާ ވޯޓު ނެގުމުގެ ކަންތަކުގެ އިތުރުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން ތިބޭނީ އެ ޕާޓީން ނިންމި ގޮތަށް، ވަކިކޮޅަކަށް ތާއީދު ނުކުރާ ގޮތަށް ކަމަަށް އެމަނިިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްބަސްވީ މިހާރު އިހަށް އެވާހަކަ [ނިޒާމީ ވޯޓުގެ ވާހަކަ] ނުދައްކައި، ދެވަނަ ބުރުގެ ވޯޓު ނިމުމުގެ ކުރިން އެއަށް ނުދިއުމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެވަނަ ބުރުގެ ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް ނިޒާމީ ވޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ޓަކައި ނިޒާމު އަލުން ކަނޑައެޅުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރު މަޖިލީހަށް ބަލައިގަތީ އެމްޑީޕީގެ ވެސް އެއްބާރުލުމާ އެކުގަ އެވެ.

އެހެން ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން އެ ގަަރާރު ދިރާސާކޮށް އެކުލަވައިލި ރިޕޯޓް ފާސްކުރި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ މަދު މެމްބަރުންތަކެކެވެ.
ރައީސް މިއަދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް ނިއުޓްރަލްކޮށް ތިއްބަސް، ނަޝީދުގެ ތާއީދު އަމިއްލަފުޅު ހައިސިިއްޔަތުން ހޯއްދެވުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. އެހެން ނަމަވެސް އެ މަޝްވަރާގެ ތަފްސީލު ހާމައެއް ނުކުރައްވަ އެވެ.












