މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ފޮށިތައް ހުޅުވުމުގެ ގަޑިއެއްހާއިރު ކުރިން ފެށިގެން، މާލެ އާއި ބައެއް ރަށްރަށުގެ ވޯޓު މަރުކަޒުތައް ކައިރީގައި މީހުން ކިޔޫ ދަމާލައިފި އެވެ.
"އަޅުގަނޑު ބޭނުން ވަނީ ވަރަށް އަވަހަށް ވޯޓުލައި ނިންމާލަން. އެހެންވެ އަވަހަށް އައިސް ކިޔޫ މި ހެދީ،" މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް ވޯޓުލާން ކިޔޫގައި ހުރި މީހަކު މި ނޫހަށް ބުންޏެވެ.
ވޯޓު ފޮށިތައް ހުޅުވާނީ ހެނދުނު 8:00 އެވެ. ވޯޓުފޮށިތައް ބަންދުކުރާނީ ހަވީރު 4:00 އެވެ. ނަމަވެސް ގަޑިޖެހޭއިރު ކިޔުގައި ބަޔަކު ތިބި ނަމަ އެ ފަރާތްތަކަށް ވޯޓުލާން ފުރުސަތު ދެވޭނެ އެވެ. އެއަށްފަހު ވޯޓުފޮށި ބަންދުކުރާނެ އެވެ. ވޯޓު ގުނަން ފަށާނީ ފޮށި ބަންދު ކުރުމަށްފަހު 30 މިނެޓު ފަހުންނެވެ. އެއްބުރުން
މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށް ލިބޭއިރު ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް ސޯލިހުގެ އިތުރުން ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވަނީ ޕީޕީއެމް ޕީއެންސީގެ މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ހަސަން ޒަމީލް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 ޕަސެންޓުގެ އިތުރުން އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ. ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އޮންނާނީ ސެޕްޓެމްބަރު 30 ގަ އެވެ.












