ސަރުކާރުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ޕޮލިސީގެ ދަށުން ގއ. ވިލިނގިލިން ދޫކުރާ 50 ރޯހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު ރޭ ހުޅުވާލައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ރޯހައުސްތަކަށް ކުރިމަތިލާންޖެހޭނީ ގެދޮރުވެރިން ޕޯޓަލުން ކަމަށާއި ކުރިމަތިލުމުގެ އެންމެ ފަހުގެ މުއްދަތަކީ އޮކްޓޯބަރު 7، ކަމަށެވެ.
ވިލިނގިލިން ދޫކުރަނީ ދެ ބުރިއަށް އިމާރާތްކޮށްފައި ހުންނަ ތިން ކޮޓަރީގެ ގެތަކެކެވެ. އަދި ތިން ފާހާނަ ވެސް ހުންނާނެ އެވެ. ރޯ ހައުސް ލިބޭ މީހުން އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެ އެވެ.
އެ ގެތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުގެ ތެރޭގައި ވިލިނގިލީ ރައްޔިތަކަށްވުމާއި 18 އަހަރުވުމާއި ރާއްޖޭގެ އެއްވެސް ހިސާބަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ބިމެއް ނުވަތަ ފްލެޓެއް ލިބިފައިނުވުން ހިމެނެ އެވެ. އަދި 600 އަަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބިފައިވާ ނަމަ އެ ބިން ދޫކޮށްލާން އެއްބަސްވާންޖެހެ އެވެ.
ރޯ ހައުސް ދޫކުރުމަށް ސަރުކާރުން ކުރި އިއުލާނާއެކު ގޯއްޗަށް ކުރިމަތިލާ މީހުންނަށް ޕޮއިންޓު ދޭނެ އުސޫލުތައް ވެސް ވަނީ ހިމަނައިފަ އެވެ.













