ގއ. ވިލިނގިލީގެ ފަޅުގައި އެއާޕޯޓް އެޅުމުގެ ބަދަލުގައި އެ ރަށުގެ ދެކުނުގައި އޮންނަ ކޫއްޑޫގައި އެއާޕޯޓް އެޅުމަކީ ގޯސް ނިންމުމެއް ކަމަށާއި ނަމަވެސް ދެން ޖެހޭނީ ކޫއްޑޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި ގއ. އަތޮޅު އަދި ގދ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރުން ހިމެނެ އެވެ. މިއަދު މެންދުރުފަހު ގއ. ވިލިނގިއްޔަށް ކެމްޕެއިނަށް ގާސިމް ވަޑައިގެން، ބޭއްވި ހަރަކާތުގައި ގާސިމް ވިދާޅުވީ ކޫއްޑޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރައްވާނެ ކަމަށެވެ.
ވިލިނގިލީގެ ގިނަ މީހުން މީގެ ކުރިން ބޭނުންވީ އެ ރަށުގެ ފަޅު ހިއްކައިގެން އެއާޕޯޓެއް އެޅުމަށެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޫއްޑޫގައި އެއާޕޯޓް އެޅުމަށް ފަހު ކޫއްޑޫ އާއި ވިލިނގިލި ބްރިޖަކުން ގުޅާލަން ނިންމި އެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެސް ވައުދެކެވެ.
ވިލިނގިލީގައި މިއަދު ބޭއްވި ކެމްޕެއިން ހަރަކާތުގައި ގާސިމްގެ ވާހަކައިގައި ވެސް އެ ކަމަށް އަލިއަޅުއްވައިލެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިލިނގިލި ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.
ގާސިމް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެންމެ ފުރަތަމަ ދިގުރަށް ކިޔާ ފަޅު ރަށެއްގައި އެ ސަރަހައްދުގެ އެއާޕޯޓު އެޅުމަށް ނިންމާފައިވަނިކޮށް ވިލިނގިލީ ފަޅު ހިއްކުމުގެ ޕްރޮޖެކްޓްގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ބިން ވެސް ހިމެނުމަށް ލަފާ ދެއްވީ އޭނާ ކަމަށެވެ.

ގާސިމަކީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރެވެ.
"މި ރަށުގެ އޭރު އިސްކޮށް އުޅުނު މީހުން އަޅުގަނޑާ ބައްދަލުކުރި ދިގުރަށުގައި އަޅަން އޮތް އެއާޕޯޓް މި ރަށުގައި އަޅަން. ފައިނޭންސް މިނިސްޓަރުގެ ހައުސިއްޔަތުން އަޅުގަނޑުގެ ބަސް ވިކޭތީ ރައީސް މައުމޫނުގެ އަރިހު ދެންނެވިން. ދެން ނިންމުން ބަދަލު ވެސް ކުރި،" ގާސިމް ވިދާޅުވި އެވެ.
އޭރުގެ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދު އަނެއްކާ ވެސް ނިންމުން ބަދަލުކޮށް އެހެން ރަށެއްގައި އެއާޕޯޓް އެޅުމަށް އިއުލާން ކުރެއްވި ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. ކޫއްޑޫގައި އެއާޕޯޓް އަޅަން ފެށީ ނަޝީދުގެ ވެރިކަމުގަ އެވެ.
"އެއާޕޯޓް އެޅިޔަ ނުދީ ބަދަލު ކުރީ ރައީސް ނަޝީދު، އެއީ ވަރަށް ގޯސް ނިންމުމެއް، މި ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހުޅުވެން އޮތް ކަމެއް، މިހާރު މި ޖެހެނީ ވަޒީފާ އަދާކުރުމަށް ކަނޑު ދަތުރެެއް ކޮށްފައި ދާން،" ގާސިމް ވިދާޅުވި އެވެ.
ވިލިނގިލީގެ ފަޅު ހިއްކައިގެން އިންޓެގްރޭޓެޑް ޓުއަރިޒަމް ޕްރޮޖެކްޓެއް ހިންގައި، ވިލިނގިލި އާބަން ސިޓީއަކަށް ބަދަލުކުރުމަށް ގާސިމް ވައުދުވެވަޑައިގަތެވެ. އަދި އެ ރަށުގައި އިސްލާމިކް ސެންޓަރަކާއި، ޖޫނިއާ ކޮލެޖެއް ގާއިމު ކުރުމަށް ވެސް ވައުދުވެވަޑައިގަތެވެ.
އެއީ ކޮންމެ ރަށަކަށް ވެސް އެ ރަށަކުން ބޭނުންވާ ފަސް ކަމެއް ކޮށްދިނުމަށް ގާސިމް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުގެ ތެރެއިން ވެވަޑައިގެންނެވި ވައުދުތަކެއް ކަން ވެސް ފާހަގަ ކުރެއްވި އެވެ.












