ހދ. ދަތުރު: ގިނަ ވައުދުތަކެއް، އަތޮޅު އަޣުލަބިއްޔަތު މި ފަހަރު ވެސް ލިބޭނެ ކަމަށް ރައީސްއަށް އުއްމީދު ބޮޑު!

ރޭ ކުޅުދުއްފުށީ ސިޓީގައ ބޭއްވި ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ރޭ ކުޅުދުއްފުށީ ސިޓީގައ ބޭއްވި ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. އަތޮޅަށް ކުރައްވާ ދަތުރުގައި އިއްޔެ ހަ ރަށަކަށް ވަޑައިގަތެވެ. ރައީސް ސޯލިހު ހދ. އަތޮޅަށް ކުރައްވާ ދަތުރުގެ ދެވަނަ ދުވަހުގެ ފުރަތަމަ މަންޒިލަކީ ހދ. ކުމުންދޫ އެވެ. އާބާދީގައި 1,477 މީހުންގެ ދިރިއުޅެމުން އަންނަ އެރަށުގެ ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިއުމަށް ބަނދަރު ސަރަހައްދަށް ޖަމާވި އެވެ.

ކުމުންދޫއަށް ވަޑައިގެން އެރަށުގެ ފެނަކަ އިންޖީނުގެ އަދި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވި އެވެ.

ކުމުންދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ކުރިން ގޮތެއް ނިންމަން ނޭނގިފައި ތިބި ގިނަ ބަޔަކު އެމްޑީޕީއާ ގުޅެމުން އަންނަ ކަމަށެވެ.

"ކުރިން ބައެއް ރައްރަށުގައި ގޮތެއް ނުނިންމާ ތިބި ބައެއް ބޭފުޅުން ގޮތްނިންމަމުން ދާތަން އެބަ ފެނޭ. އެބޭފުޅުން ބޮޑުތަނުން އަޅުގަނޑުމެންނާ އެބަ ގުޅޭ." ރައީސް ވިދާޅުވި އެވެ.

ވައުދުތައް:

  • އާ ބަނދަރެއް ގާއިމްކުރުން
  • ގިރާ ސަރަހައްދު ހިމާޔަތްކުރުން
  • ބޮޑެތި މަގުތަކުގައި ތާރު އެޅުން
  • ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ، މަލްޓި ޕާޕަސް ހޯލް އަދި ވަށާފާރު ރޭނުން
  • ވޭސްޓު މެނޭޖެމެންޓު ސެންޓަރެއް ގާއިމްކުރުން
  • ރޯހައުސް އެޅުން

ނޭކުރަންދޫ

ނޭކުރަންދޫއަށް ރައީސް ސޯލިހު ވަޑައިގަތުމުން އެރަށުގެ ގިނަ ރައްޔިތުންތަކެއް މަރުހަބާ ކިއުމަށް ނިކުތެވެ. ނޭކުރަންދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕޭނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގިނަ ރައްތަކަކަށް ވަޑައިގެންނެވުނުއިރު ރައްޔިތުންގެ ފަރާތުން ފެންނަނީ "އެއްބުރުން" އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ނިކުމެ ތިބޭތަން ކަމަށެވެ.

"އަޅުގަނޑުމެން މާލޭގައި ތިބޭއިރު އިވެނީ ބަނދަރެއް ހަދާ ވާހަކަ، ނުވަތަ ފެނާ ނަރުދަމާގެ ވާހަކަ. އެކަމަކު މިއިން ރަށަކަށް އައުމުން އެނގެނީ ހަގީގަތުގައި ރައްޔިތުން އެކަންކަމަށް ބޭނުން ޖެހިފައި ތިބޭ މިންވަރު" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްރަށަށް ބޭނުންވާ ތައުލީމު، ސާފު ބޯފެނާއި ނަރުދަމާ އަދި ސިއްހީ ހިދުމަތް ފަދަ އަސާސީ ކަންކަން ފުދުނީ މި ސަރުކާރުން ކަމަށެވެ.

"މިއަދު އެބޭފުޅުން [އިދިކޮޅުން] ވިދާޅުވަނީ ކީއްކުރަން ކުރާ ކަންކަންތޯއޭ. ހަމަ ރީތިކޮށް ބަޔަކު ދިރިއުޅޭ ރައްރަށުގައި. އެބޭފުޅުންނަށް ތަރައްގީއަކީ ހަމައެކަނި އުސް އިމާރާތްތައް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ބައެއް ރައްރަށަށް ވަޑައިގަންނަވާއިރު "މިނިވަންކުރޭ" "ދޫކޮށްލާ" ގޮވާ މަންޒަރު ފެންނަ ކަމަށާއި، ނަމަވެސް ކޯޓުން ހުކުމެއް ކޮށްފައިވާ މީހަކު މިނިވަންކުރެވޭނީ ޖުޑީޝަރީގެ ތެރެއަށް އަތް ބާނައިގެން ކަމަށެވެ. އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ އިޝާރާތް ކުރެއްވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި، އެ މަނިކުފާނު މިނިވަން ކުރަން ޕީޕީއެމް/ޕީއެންސީން ކުރާ މަސައްކަތަށެވެ.

ވައުދުތައް:

  • މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • މޫދަށް އެރޭ ސަރަހައްދެއް ގާއިމްކުރުޖން
  • ދޯނި އެހެލާ ތަނެއް ގާއިމްކުރުން
  • ޔޫތު ސެންޓަރެއް ގާއިމްކުރުން
  • އިންޑޯ ބެޑްމިންޓަން ކޯޓެއް ގާއިމްކުރުން
  • ވޭސްޓު މެނޭޖްމެންޓު ސެންޓަރެއް ގާއިމްކުރުން

ވައިކަރަދޫ

ރައީސް ސޯލިހު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ތިންވަނަ މަންޒިލަކީ ހދ. ވައިކަރަދޫ އެވެ. ވައިކަރަދޫއަށް ވަޑައިގެން އެރަށު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވި އެވެ.

އެރަށޫގެ ބަނދަރު ބައްދަލުވުމުގައި ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއީ އެމްޑީޕީ އުފެދުނީއްސުރެ އިސްލާހަށް ކުރަން ފެށި މަސައްކަތުގެ ވަރަށް ބޮޑު ބައިވެރިއެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުން ފެންނަނީ ހަމަޖެހުމުގެ މަންޒަރު ކަމަށާއި، ހާއްސަކޮށް މާލެއިން އެ މަންޒަރު ފެންނަ ކަމަށެވެ.

"އަޅުގަނޑު ހިތުން ރާއްޖެއަށް އަޅުގަނޑުމެން މި ގެންނަ ބަދަލުތައް ނިމޭއިރު އަޅުގަނޑުމެން އޮންނާނީ ވަރަށް ކުރީގައި. ހާއްސަކޮށް މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް ކުރީގައި" ރައީސް ވިދާޅުވިއެވެ.

ވައިކަރަދޫއަކީ ދަނޑުވެރި ރަށެއްކަން ފަހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދަނޑުވެރިން ހައްދާ ތަކެތި އެއްރަށުން އަނެއް ރަށަށް އުފުލުމަށްޓަކާ އާރުޓީއެލް މެދުވެރިކޮށް އެންމެ ހިތްހަމަ ޖެހޭ މިންވަރަށް އެ މަސައްކަތް ނުވާކަމަށެވެ.

އަމާޒަކީ ކުރިއަށް އޮތް ދައުރުގައި ބޮޑުތިލަދުންމަތީގައި ކާގޯ ފެރީއެއް ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދަނޑުވެރިންނަށް ބޭނުންވާ ލޯނު ހަމަޖައްސައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ވައުދުތައް:

  • ރޯހައުސް އެޅުން
  • މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • ބަނދަރު މަރާމާތުކުރުން
  • މޫދަށް އެރޭ ސަރަހައްދެއް ގާއިމްކުރުން
  • ސްކޭޓް ޕާކެއް ގާއިމްކުރުން
  • ޖާގަ ތަނަވަސް މިސްކިތެއް ގާއިމްކުރުން
  • ކާގޯ ފެރީ ފެށުން

ނެއްލައިދޫ

ނެއްލައިދޫއަށް ވަޑައިގެން އެރަށުގައި އަލަށް އިމާރަތްކުރި ފެނަކަ އިންޖީނުގެ ރަސްމީކޮށް ހުޅުވައިދެއްވި އެވެ. އަދި ބަނދަރު ހުޅުވުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރުއޫގެ ނިމުން ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ނެއްލައިދޫއަކީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަދި ފަހުން ސަރުކާރުން ވީ ވައުދުތައް އެންމެ ބޮޑަށް ފުއްދައިދެވުނު އެއް ރަށްކަމަށެވެ.

"ނެއްލައިދޫ ރައްޔިތުންނަކަށް އޮޅިވަޑައި ނުގަންނަވާނެ، ވައުދުވެ ވައުދު ނުފުއްދަނީ ކޮން ބައެއްކަން، އަދި ވައުދު ނުވަނީ ކޮން ބައެއްކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންނަ ދައުރުގައި އެންމެ ބޮަޑަށް އިސްކަން ދޭނީ އިގްތިސާދު ފުޅާކުރުމަށް ކަމަށެވެ. އެގޮތުން ދަނޑުވެރިކަމާއި، ޓޫރިޒަމް އަދި މަސްވެރިކަން އިތުރަށް ފުޅާކުރުމުގެ ވިސްނުން އޮތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖެއަށް ޓޫރިސްޓުން އައުމަށް މިހާރު އެންމެ ބޮޑަށް ބޭނުންކުރަމުން އަންނަނީ ބޭރުގެ އެއާލައިންތައް. އެއިން ކޮންމެ ކަންކޮޅަކަށް ވެސް ދިވެހި އެއާލައިނަށް ދަތުރުކުރެވިދާނެ. އަޅުގަނޑުމެން އިންވެސްޓު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ވައުދުތައް

  • ފްލެޓު އެޅުން
  • ބޮޑެތި މަގުތަކުގައި ތާރު އެޅުން
  • ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުން
  • އޮޑި އެހެލާ ސަރަހައްދެއް ހެދުން
  • ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅުން
  • ހިރިނައިދޫ ނެއްލައިދޫ އިހްތިސާސްއަށް ބަދަލުކޮށް އިގްތިސާދީ މަސައްކަތް ކުރެވޭތަނަކަށް ހެދުން
  • ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ހިދުމަތް ދިނުން

ކުރިނބީ

ކުރިނބީއަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން ދިވެހީންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

އަންނަ ދައުރެއްގައި ވެސް އެގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާކަން ފާހަގަކުރެއްވި އެވެ.

"ނަފުސާނީ ސިއްހަތާއި, ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން ފޯރުކޮށްދޭ ހިދުމަތްތަކާއެކު މެންޓަލް ހެލްތުގެ ގާނޫނެއް އަޅުގަނޑުމެން ވުޖޫދުކޮށް, ގައުމީ ފެންވަރުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގާ, އެމީހަކު ހުރި ހިސާބަކުން ޕްރައިމަރީ ހެލްތު ނިޒާމުގެ ތެރެއިން ނަފްސާނީ ފަރުވަ ލިބޭނެ ގޮތް ކުރިއަށް އޮތްތަނުގައި ހަމަޖައްސައިދޭނަން" ރައީސް ވިދާޅުވި އެވެ.

ވައުދުތައް:

  • އިތުރު ވަސީލަތްތަކާއެކު ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ލިބޭ ތަނަކަށް ބަދަލުކުރުން
  • ރޯ ހައުސް އަޅައިދިނުން
  • މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • އާޓިފިޝަލް ބީޗެއް ތަރައްގީ ކޮށްދިނުން
  • ސްކޫލަށް ބޭނުންވާ އޮފީސް އިމާރާތާއެު މަލްޓިޕާޕަސް ހޯލް އެއް ގާއިމްކުރުން

ކުޅުދުއްފުށި ސިޓީ

ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަތީ ކުޅުދުއްފުށީ ސިޓީއަށެވެ. އާބާދީގައި 14،000 އެއްހާ މީހުން ދިރިއުޅޭ ކުޅުދުއްފުށިން ރައީސަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގަތް އިރު ބަނދަރު ސަރަހައްދަށް އެއްވެ ތިބި މީހުންނާ ސަލާމްކުރެއްވުމަށް ގަޑިއެއްހާއިރު ހޭދަކުރެއްވި އެވެ.

ކުޅުދުއްފުށްޓަށް ވަޑައިގެން ރައީސް ބޭއްވެވި ބޮޑު ޖަލްސާއަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވި އެވެ.

އެ ޖަލްސާގައި ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް 2026 ވަނަ އަހަރު ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ދައްކަން ޖެހޭއިރު އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ އެފައިސާ އަނބުރާ ދައްކައި ހަލާސް ކުރައްވާނެ ކަމަށެވެ.

އަދި ރާއްޖެ ދަރާފައި އޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ "ބުހުތާނު ދޮގެއް" ކަމަށް ވެސް ވިދާޅުވި އެވެ.

"ވާދަވެރިން އަމާޒުކޮށް ދައްކާ އެއް ވާހަކަައަކީ ރާއްޖެ ބަނގުރޫޓު ވެފައި އޮތް ވާހަކަ. ދަރާ ވިކިފައި އޮތް ވާހަކަ. ދަންނަވަތޯ އެއީ ބުހުތާން ބޮޑު ދޮގު. އެނގި ތިބެ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަ އެެއީ. ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަ އެއީ," އެކަމާ ގުޅިގެން ރައީސް ވިދާޅުވި އެވެ.

ވައުދުތައް:

  • ކުޅުދުއްފުށި އިތުރަށް ބޮޑުކުރެވެން އޮތް ވަރު ބަލައި ހިއްކުމާއި ޝޯ ޕްރޮޓެކްޝަން ޖެހުން
  • ބައިނަލްއަގްވާމީ ފެންވަރުގެ ރެކްރިއޭޝަނަލް ޒޯނެއް ހެދުން
  • އެތެރޭގެ ވިޔަފާރިތައް ހާއްސަކޮށްގެން ލޯކަލް ކޮމާޝަލް ހާބަރެއް ގާއިމުކުރުން
  • ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމުން
  • ޔޮޓާއީ ކްރޫޒް ލައިނާއަށް ހިދުމަތް ދެވޭނެ ގޮތް ހަދައިދިނުން
  • އެއާޕޯޓު އުތުރަށް އޮތް ބިމަށް މަގެއް ހެދުން
  • ކޮންވެންޝަން ސެންޓަރެއް ތަރައްގީ ކުރުން
  • ޕިކްނިކް އައިލެންޑެއް ހޯދައިދިނުން
  • ލޯކަލް ޓޫރިޒަމް ފުޅާ ކުރަން ފައިނޭންޝަލް ޕެކޭޖެއް ތައާރަފްކުރުން

މި ސަރުކާރުން އުތުރުގެ ރަށްތަކަށް ގެނެސްދޭ އިންގިލާބީ ބަދަލާއެކު މި ފަހަރުގެ އިންތިހާބުގައި ވެސް ހދ. އަތޮޅުގެ މެޖޯރިޓީ ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ސޯލިހުގެ ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ދެން ރައީސް ވަޑައިގަންނަވާނީ ރ. އަތޮޅަށެވެ. އެގޮތުން މިއަދު ރ. އަތޮޅުގެ ހަ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox