ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައި ތިބޭ މީހުންނަށް ސަރުކާރުން ދޫކުރާ ސޯޝަލް ހައުސިންގެ ކުލި މާފު ކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެއްޖެ އެވެ.
ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މީހުންނަށް ސަރުކާރުން ދޫކުރާ ސޯޝަލް ހައުސިން އިން ދިގު މުއްދަތަށް ގިނަ އަދަދަކަށް ފައިސާ ނެގުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގާބޫލު ނުކުރައްވާކަމަށެވެ.
"އެހެން ކަމުން އަޅުގަނޑުގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދޭނަމެވެ." ގާސިމް ވިދާޅުވެ އެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި ވެސް ބޯހިޔާވަހިކަމާ ގުޅޭ ގިނަ ކަންތައްތަކެއް ހިމަނާފައި ވެއެވެ.
އެގޮތުން, ވެރިކަމުގެ ދައުރުގެ ތެރޭގައި 30،000 ހައުސިން ޔުނިޓް ގާއިމްކޮށް ބޭނުން ޖެހިފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައި އަޅާ 15،000 ހައުސިން ޔުނިޓް އަދި އަތޮޅު ތެރޭގެ 15،000 ހައުސިން ޔުނިޓެވެ.

ގާސިމްގެ ވެރިކަމެއްގައި އަޅާ 30،000 ހައުސިން ޔުނިޓުގެ ތެރެއިން 18،000 ހައުސިން ޔުނިޓު ހާއްސަކުރަނީ އަލަށް ބޯހިޔާވަހިކަމެއް ނުލިބޭ ނުވަތަ އަލަތު ކައިވެންޏަކަށް ފަހު ދިރިއުޅުން ފަށާ ޒުވާނުންނަށެވެ.
މެނިފެސްޓޯގައި ބުނާ ގޮތުން ހިޔާ ފްލެޓާއި، ފުލުހުން އަދި ސިފައިންގެ ފްލެޓުތައް ފަދަ ކުރިން ލިބިފައިވާ ފްލެޓުތަކަށް ދައްކަން ޖެހޭ ކުލި މައާފްކޮށްދޭނެ އެވެ. ފުލުހުންނާ ސިފައިންނަށް ހާއްސަކޮށް 1000 ފްލެޓު އަޅައި ވެރިކަމުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހަވާލުކޮށްދޭން ވެސް ގާސިމް ވައުދު ވެއެެވެ.
ބޯހިޔާވަހިކަމަށް ބޭނުންވެ ސޯޝަލް ހައުސިންއަށް އެދި ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް ޕޮއިންޓް ދޭނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ކަމަށް ވެސް ގާސިމްގެ މެނިފެސްޓޯގައި ބުނެ އެވެ.












