ގދ. އަތޮޅު ވެރިކަންކުރާ ރަށް، ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ އިއުލާން ކުރެއްވި އެވެ.
ތިނަދޫގައި ބޭއްވި ރިޔާސީ ކެމްޕޭނުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ސިޓީއަކަށް ވުމަށް ގާނޫނުގައި ލާޒިމުކުރާ ހުރިހާ ޝަރުތެއް އެ ރަށުގައި ހަމަވާ ކަމަށެވެ. އެހެންކަމުން އެއީ މިހާރު ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ރަށެއް ކަމަށާއި ތިނަދޫއަށް ވަޑައިގެންނެވީ މާލޭގައި އޭގެ ގަރާރުގައި ސޮއިކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ތިނަދޫއަކީ ރާއްޖޭގައި ގާއިމުކުރެވުނު ފަސްވަނަ ސިޓީ، މަރުހަބާ ތިނަދޫ ސިޓީ،" ރައީސް ދެންމެ އިއުލާން ކުރެއްވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި މި އަހަރުގެ ކުރީކޮޅު ރައީސް ސޯލިހު ވަޑައިގެން، ވިދާޅުވެފައިވަނީ ދެން އެމަނިކުފާނު ވަޑައިގަންނަވަނީ ތިނަދޫ ސިޓީއަށް ބަދަލު ކުރުމުގެ ރަސްމިއްޔާތަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ހަވީރު ރައީސް ސޯލިހު ވަޑައިގެންނެވި ވަގުތުކޮޅު، ރަށުގެ ބަނދަރު ސަރަހައްދުގައި އެމަނިކުފާނަށް މަރުހަބާ ކިޔަން އެއްވެ ތިބި ގިނަ މީހުން ވެސް ގޮވާލަމުން ދިޔައީ މިއީ ސިޓީއެއް ކަމަށެވެ. ރަށުގެ އެކި ސަރަހައްދުގައި އެ ޝުއޫރުގެ ބެނާ ވެސް ދަމާފައި ހުއްޓެވެ.

ތިނަދޫގެ ރަޖިސްޓްރީ އާބާދީގައި 8،000 މީހުން ހިމެނޭ ކަމަށް ޖުލައި މަހު ރެކޯޑު ކުރެވިފައިވީ ނަމަވެސް މި ދަތުރުގެ ކުރިއަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ރައީސަށް ތިނަދޫއަކީ ސިޓީގެ ދަރަޖަ ދެވޭނެ ރަށެއް ކަމުގެ ލަފާ އަރުވާފައިވާ ކަމަށެވެ.
ތިނަދޫގެ އިތުރުން މިހާރު ރާއްޖޭގައި ސިޓީގެ ލަގަބު އަރުވާފައިވަނީ، ގައުމުގެ ވެރިރަށް މާލެ ސަރަހައްދުގެ އިތުރުން އެންމެ ދެކުނުން އައްޑު އަތޮޅާއި ޏ. ފުވައްމުލައް، އަދި އެންމެ އުތުރުން ހދ. އަތޮޅު ވެރިކަންކުރާ ރަށް ކުޅުދުއްފުށްޓަށެވެ.
އީސް ސޯލިހުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ތިނަދޫގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާފައިވެ އެވެ.
އެ ގޮތުން އެ ރަށުގެ ހޮސްޕިޓަލަށް އޯޕީޑީ އޭރިއާއަކާއި ލޭބާ ރޫމަކާއި އެންއައިސީޔޫގެ ހަތަރު ޕްރައިވެޓް ރޫމު ވަނީ ބިނާކޮށްފަ އެވެ. 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލް ފުރިހަމަކުރުމަށް ބޭނުންވާ އިތުރު އިމާރާތް ހެދުމަށް ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) ހަވާލުކޮށްފަ އެވެ.
ހޭންޑްބޯލް ކޯޓަކާއި އައުޓްޑޯ ޖިމަކާއި، އައިސްޕްލާންޓަކާއި ކޮވިޑް އެމަޖެންސީ ފެސިލިޓީއަކާއި، ފެން ހިންދާ ނިޒާމެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި އިންޑަސްޓްރިއަލް ޒޯން ގާއިމުކުރަން 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތާއި 200 ހައުސިން ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.
އޭގެ އިތުރުން، 6.5 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެ އެވެ. އިސްލާމިކް ސެންޓަރުގެ ނުނިމި ހުރި މަސައްކަތްތައް ވެސް އެބަ ހިނގަ އެވެ. ތިނަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތާއި، ގައުމީ ޔުނިވާސިޓީގެ ކެމްޕަސްގެ އެކްސްޓެންޝަން އިމާރާތާއި އެކޮމެޑޭޝަން ބްލޮކްގެ މަސައްކަތް ވެސް އެބަ ދެ އެވެ.
ތިނަދުއަކީ 1962 ގައި އެ ރަށް ފަޅުކުރުމަށް ފަހު ހަތަރު އަހަރުވަން ދެން އެ ގޮތުގައި އޮތް ރަށެކެވެ. ރަށް އަލުން އާބާދުކުރީ 1966 ގަ އެވެ. އޭގެ ފަހުން 57 އަހަރުވީއިރު އެ ރަށަކީ މުޅި ހުވަދު އަތޮޅުގެ އާބަން ސެންޓާއޭ ބުނެވިދާނެ އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތިނަދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށް ފަޅުކޮށްލުމުގެ ކުރިން ތިނަދޫއަކީ މުއްސަނދި، ވިޔަފާރީގެ ގޮތުން ކުރިއަރާފައިވާ ތަރައްގީ ރަށެއް ކަމަށެވެ. އަދި ވިދާޅުވީ އެއިރު ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުން އަމަލު ކުރީ "އެއްވެސް ރައްޔިތަކާ ދޭތެރޭގައި އަމަލު ކުރަންވާނެ ގޮތަކަށް ނޫން" ކަމަށެވެ. އެހެންވެ އެކަމަށް މައާފަށް އެދިވަޑައިގަތެވެ.
1960 ގެ ތެރޭގައި ތިނަދޫ ފަޅުވެގެންދިޔަ ހިތާމަވެރި ހާދިސާއެއް. އަޅުގަނޑު ދަންނަވާނީ އެއްވެސް ސަރުކާރަކުން ރައްޔިތަކާ ދޭތެރޭގައި އަމަލު ކުރަންވާނެ ގޮތަކެއް ނޫނޭ އެއިރުގެ ސަރުކާރުން ކަންކޮށްފައި އޮތީ. އެއީ މިއަދު ވެސް އެކަމާ ދޭތެރޭގައި މައާފަށް އެދެންޖެހޭ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ. "ސަރުކާރުގެ ވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަމާ މައާފަށް އެދެން."
ދުވަހުގެ ފޮޓޯ

ގދ. ތިނަދޫން ރައީސް ސޯލިހަށް މަރުހަބާ ކިޔަން އިއްޔެ ނުކުމެ ތިބި މީހުން. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު











