ސްކޫލުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން "ތައުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ގަވާއިދު" އެކުލަވާލައި، އޭގެ ދަށުން ސްކޫލްތައް ބަލައި، ރިވުއުކުރަންޖެހޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ގަވާއިދެއްގައި ބުނެފައިވަނީ ސަރުކާރުގެ ސްކޫލުތަކާއި އަމިއްލަ ސްކޫލުތަކުގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިފް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލްތައް ވެސް މިނިސްޓްރީން ޗެކްކުރާނެ ކަމަށެވެ.
އޭގެ އިތުރުން ޕްރީސްކޫލިތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މަރުކަޒުތަކުހެ އިތުރުން، ޓިއުޝަން ދޭ ތަންތަން އަދި ގުރުއާން ކިޔަވައިދޭ ކްލާސްތައް ވެސް ބަލައި ފާސްކުރާނެ އެވެ.
ސްކޫލްތަކާއި ކިޔަވައިދޭ ތަނަތްނުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަންކަން:
- ސްކޫލްތައް ރިވިއުކުރުމާއި، ކިޔަވައިދޭ އެހެނިހެން ތަންތަން ބަލައި ފާސްކުރުން.
- ސްކޫލްތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ވަޒަންކުރުމަށް ނެޝަނަލް އެސެސްމެންޓްތައް ބޭއްވުން.
- މުދައްރިސުންނަކީ ރަޖިސްޓްރީކުރެވި ލައިސެންސް ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން.
- ތައުލީމީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމަށް ހަދަންޖެހޭ ދިރާސާތައް ހަދައި، ހޯދުންތައް ހިއްސާކުރުން.
- ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެހެން ތަންތަނަށް މަދުވެގެން ތިން އަހަރުން އެއް ފަހަރު ޒިޔާރާތްކޮށް، އެ ތަންތަނުގެ ހާލަތު ވަޒަންކޮށް އިރުޝާދު ދިނުން.
- މިނިސްޓްރީން ދޭ އިރުޝާދުތަކާއި އެއްގޮތަށް ކިޔަވައިދޭ އެހެން ތަންތަނުން އަމަލުކުރޭތޯ ބަލައި މޮނީޓާ ކުރުން.
- ސްކޫލުތަކުގެ މުއައްޒަފުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލުތަކަށް ސިޔާސަތުތައް ކަނޑައެޅުމުގައި ފަންނީ ލަފާދިނުމާއި، ގައުމީ މަންހަޖުތައް ތަންފީޒުވަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރާނެ އެވެ. އަދި ރިވިއުތަކަށް ފަހު ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި މިނިސްޓްރީން ސްކޫލުތަކާއި ކިޔަވައިދޭ ތަންތަނަށް އިރުޝާދާއި ލަފާ ދޭނެ އެވެ.












