ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާތަނަށް ހުށަހަޅާފައިވަނީ ޖުމްލަ 19 ޝަކުވާއެއް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިންތިހާބާ ބެހޭގޮތުން އޭސީސީގެ އޮފިޝަލަކުމި ނޫހާ ވާހަކަ ދައްކަމުން ބުނީ، މިހާތަނަށް ހުށަހެޅުނު 19 ޝަކުވާގެ ތެރެއިން ރަޖިސްޓްރީ ކޮށްފައިވަނީ ހަތަރު މައްސަލަ ކަމަށާއި ބާކީ 14 މައްސަލަ ބަލައިގަނެފައި ނުވާ ކަމަށެވެ.
ނަމަވެސް މި މައްސަލަތަކުގެ ތަފުސީލެއް އޭސީސީއިން ނުދެ އެވެ.
ރިޔާސީ އިންތިހާބަށް 12 ދުވަހަށް ވެފައިވާއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގާއިމުކުރި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް މިހާތަނަށް ހުށަހަޅާފައިވަނީ ޖުމްލަ 13 މައްސަލައެއް ކަމަށް އެ ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ.
"މައިގަނޑު ގޮތެއްގައި ހުރީ ރަޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތައް، މިސާލަކަށް މަރުވެފައި އޮތް މީހުން ތިބި ވާހަކަ، އޭގަ ވާގޮތަކީ މަރުވި ކަމުގެ ރަސްމީ ލިޔުން އީސީއަށް ނުލިބޭނަމަ ލިސްޓުގައި އޮންނާނެ. އެ މައްސަލަތަކަށްވެސް ޖަވާބު ދެވިފައިވާނީ" އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައިވެ އެވެ.

އޭސީސީއިން އިންތިހާބާ ގުޅޭ ހަތަރު މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅުނު ދެ މަޖިލިސް މެމްބަރަކު އެ ޕާޓީ ދޫކޮށް އެނބުރި އެމްޑީޕީއަށް ދިއުމާއެކު ރިޝްވަތުގެ ތުހުމަތުކޮށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވަނީ ފުލުހުންނަށް މައްސަލައެއް ހުށަހަޅާފަ އެވެ.
އެފަދަ ތުހުމަތެއް އެމަނިކުފާނު ކުރައްވާފައި ވާއިރު ރިޝްވަތުގެ އަމަލު އެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެ އެކަން ބަލައިދިނުމަށް އެދި ނަޝީދު ހުށަހެޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މި ނޫހަށް ޔަގީންކޮށްދީފަ އެވެ.
"ރިޔާސީ އިންތިހާބާ ދިމާކޮށް މަޖިލީސް މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ މަޖިލީހުގެ ރައީސް ވަނީ އެކަން ބައްލަވާ ދެއްވުން އެދިވަޑައިގެން ފުލުހަށް ހުށަހަޅުއްވާފަ،" މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ފޮނުއްވި މެސެޖެއްގައިވެ އެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ އެމްޑީޕީ ދޫކޮށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވައިފަ އެވެ.
ނަޝީދު ވަނީ ޔާސިރު އާއި ޝިޔާން އަލުން އަނބުރާ އެމްޑީޕީއަށް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން ރިޝްވަތު ދީފައިވާ ކަމަށް ވަރަށް ފާޅުގައި ވިދާޅުވެފަ އެވެ.












