މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނޮދަން އޭރިއާ ހެޑްކުއާޓަރު ހދ. ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ނޮދަން އޭރިއާ ހެޑްކުއާޓަރު ހދ. ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައި ވަނީ އުތުރުގެ ގިނަ ރަށްތަކާ މިހާރުގެ ހެޑްކުއާޓަރު ދުރުވުމުން ކަމަށެވެ. މިހާރު ނޮދަން އޭރިއާ ހެޑްކުއާޓަރު ހުންނަނީ ޅ. މާފިލާފުށީގަ އެވެ.
"އެންމެ ކުރިއްސުރެ އަސްލު ބަދަލުކުރާ ގޮތަށް އޮތީ. އެކަމަކު [ހަނިމާދޫގަ] އެކަމަށް ބޭނުންވާ އިންތިޒާމުތައް ހަމަނުޖެހިގެން ލަސްވީ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ބުންޏެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއާޓަރު މާފިލާފުށީގައި ގާއިމް ކުރީ 2009 ވަނަ އަހަރެވެ. މީޑިއާ އޮފިޝަލް ބުނީ ހެޑްކުއާޓަރު ހަނިމާދޫއަށް ބަދަލުކުރާ ދުވަސް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.
ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއާޓަރު ބަދަލުވާތީ ސިފައިންގެ ހާއްސަ ޕެރޭޑެއް ހއ. އަދި ހދ. ގެ ބައެއް ރަށްރަށުގައި ބޭއްވުމަށް ނިންމާފައިވެ އެވެ.

މިޕެރޭޑް އޮންނާނީ ތިރީގައިވާ ދުވަސްތަކުގެ ހަވީރު 16:30 ގައި:
- ހދ. ހަނިމާދޫ - 25 އޯގަަސްޓު
- ހދ. ކުޅުދުއްފުށި 26 އޯގަަސްޓު
- ހއ. ދިއްދޫ - 27 އޯގަަސްޓު
- ހއ. އިހަވަންދޫ - 28 އޯގަަސްޓު
- ހދ. ނޮޅިވަރަންފަރު- 29 އޯގަަސްޓު












