އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އިއްޔެ މަގުމަތިން ހަމަލާދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނަށް ގޮވާލައިފި އެވެ.
މާލޭގައި ރޯޑް ރެލީއެއް ކުރިއަށް ގެންދަވަނިކޮށް ހަމަލާ ދިން ކަމަށް ވިދާޅުވެ އުމަރު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ. އެކަމާ ގުޅިގެން އީސީގެ ނައިބު ރައީސް، އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެންޑިޑޭޓުންނަށާއި ރަނިން މޭޓުންނަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް ދޭން ގާނޫނު ލާޒިމްކުރާ ކަމަށެވެ.
އެގޮތުން އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއްކަމުގައި ހަބީބް ހަނދާން ކޮށްދެއްވި އެވެ.
"މިފަދަ ކަމެއް[ކެންޑިޑޭޓެއްގެ ސަލާމަތައް ހުރަސް އެޅިދާނެ ފަދަ ކަމެއް] ހިނގާނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް އީސީގެ މެންބަރުންގެ ފަރާތުން ގޮވާލާން، އެފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާން،" ހަބީބް ވިދާޅުވި އެވެ.
އޭގެ އިތުރުން، ރިޔާސީ ކެންޑިޑޭޓް، އުމަރު ނަސީރަށް މީހަކު ހަމަލާދީފައިވާތީ، ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ގޮވާލާކަމަށާއި އެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އީސީގެ ފަރާތުން ގޮވާލާކަމަށް ހަބީބްގެ ޓްވީޓުގައި ވިދާޅުވި އެވެ.

ހަބީބް އިތުރަށް ވިދާޅުވީ، އިއްޔެ ގުރައިދޫގައި ހިނގައިދިޔަ ކެމްޕެއިން ހަރަކާތްތަކުގެ ހަމަނުޖެހުމަކީވެސް އީސީން ކަންބޮޑުވާ ކަމެއްކަމުގަ އެވެ.
އެ ހަމަލާއާ ގުޅިގެން އުމަރު ވިދާޅުވީ، އޭނާ އަށް ހަމަލާ ދިނީ ޑްރަގް ވިއްކާ މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. އަދި ހަމަލާ ދިނީ ދަގަނޑު އެއްޗަކުން ކަމުގައި އުމަރު ފާހަގަކުރެއްވި އެވެ.
"މާލޭގައި އަޅުގަނޑު ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް، ޑްރަގް ވިއްކާ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހަކު ވަނީ ދަގަނޑު އެއްޗެއް އެއްލާ އަޅުގަޑުގެ މޫނުމަތީ ޖެހުމަށް ފަހު ފިލާފަ. މި ހާދިސާގެ ސަބަބުން އަޅުގަނޑަށް އަނިޔާއެއް ލިބިފައެއް ނުވޭ،" އުމަރުގެ މެސެޖުގައި ވިއެވެ.
އުމަރުގެ ސެކިއުރިޓީންގެ ގޮތުގައި ތިބި ސިފައިން ހަމަލާދިން މިހާގެ ފޮޓޯ ފުލުހުންނާއި ހިއްސާ ކޮށްފައިވާކަމުގައި ވެސް އޭނާ ވިދާޅިވި އެވެ.
އުމަރަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.













