"އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ)" ޕްރޮޖެކްޓުގެ ދަށުން މާލެ-ހުޅުމާލެ ހައިވޭގައި ހަރުކުރާ ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑާ ގުޅާލާ، ކަރަންޓު އުފައްދަން ފެށޭނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެފި އެވެ.
މި ހިނގާ އޮގަސްޓް މަހުގެ ތެރޭގައި ހައިވޭގެ ސޯލާ ޕެނަލްތަކުން ކަރަންޓު އުފައްދަން ފެށޭނެކަމަށް މީގެ އެންވަޔަރަމެންޓް މިނިސްޓްރީން ކުރިން ބުންޏެވެ.
އެ މަޝްރޫއުގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު "އަދަދު" އަށް ވިދާޅުވީ، އެ މަޝްރޫއުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވި ދަތިތަކާއި ސޯލާ ޕެނަލްތައް ވިއްސައިގެން ދިޔަ ހާދިސާގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެންގެ އާ ގައިޑްލައިންގަ ވާގޮތުން މިހާރު މޫސުން ގޯސް ދުވަސްތަކުގަ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތެއް ނުކުރާނެ. އެހެންވީމަ ޓައިމްލައިންގަ އެބަ އުޅޭ ލަސްވުންތަކެއް،" އިފާދު ފާހަގަކުރެއްވި އެވެ.
މިހާރު ހަދާފައިވާ ސްޓްރަކްޗާތަކުގައި ސޯލާ ޕެނަލް ހަރުކޮށް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް އިފާދު ވިދާޅުވި އެވެ. އަދި ވަޔަރިންގެ މަސައްކަތް ނިންމާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑާއި ގުޅާލެވޭނީ އަންނަ އޮކްޓޯބަރު މަހުގައި ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

"އާ ޓައިމްލައިންގަ ވާގޮތުން ސްޓްރަކްޗާތަކުގަ ސޯލާ ޕެނަލް ހަރުކޮށް ނިންމާލެވޭނީ ސެޕްޓެމްބަރުގެ ނިޔަލަށް. ސްޓެލްކޯގެ ގްރިޑާ ޕެނަލްތައް ގުޅާލެވޭނެކަމަށް ލަފާކުރެވޭނީ އޮކްޓޯބަރުގަ،" މަޝްރޫއުގެ އައު ޓައިމްލައިންގެ ތަފްސީލު ހިއްސާކުރައްވަމުން އިފާދް ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖުގައި ހަރުކުރަން މަސައްކަތް ކުރި ސޯލާ ޕެނަލްތަކެއް ވަޔާއެކު މޫދަށް ވިއްސައިގެން ދިއައީ މިދިޔަ ޖުލައި ހަތަރު ވަނަ ދުވަހު އެވެ. މި ހާދިސާއާއި ގުޅިގެން މިނިސްޓްރީން ވަނީ ތަހުގީގެއް ވެސް ހިންގައިފަ އެވެ.
ވޯލްޑް ބޭންކުގެ އެހީގައި އެމްވަޔަރަމެންޓް މިނިސްޓްރީން ހިންގާ އެ މަޝްރޫ ކުރިއަށް ގެންދަނީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ.
އެ މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ރުފިޔާއިން ކަރަންޓް ޔުނިޓަކަށް އެއް ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.
އެ މަޝްރޫއު ނިމުމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ އެވެ.













