އިދިކޮޅު ސިޔާސީ އިއްތިހާދުގެ ލީޑަރުގެ ހައިސިއްޔަތުން ލިބިދޭ ހައްގުތަކުގެ ވާހަކަ ދައްކަވަން ނެތް ކަމަށާއި، އެމަނިކުފާނު ހުންނެވީ އެ ފުރުސަތު މިހާރު ދޫކޮށްލައްވައިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އޮތުމުންނާއި އަދަބެއްގެ ގޮތުގައި ދައްކަން އަންގަވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކައި އޮތުމުން ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ވަނީ އިންތިހާބުގައި ވާދަކުރަން ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމައިފަ އެވެ.
މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުން ޔާމީނުގެ ކެންޑިޑެސީއާ ގުޅޭ ގޮތުން ކަނޑައެޅުމުން، ބެކްއަޕް ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖެއްސެވި ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރިމަތިލައްވައިފަ އެވެ.
ހައި ކޯޓުގައި ކުރިއަށްދާ އަޑުއެހުން އައްސަވަން މުއިއްޒު ވެސް ހިމެނޭހެން ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ގިނަ ބޭފުޅުން އެ ތަނަށް ވަދެވަޑައިގެން ތިއްބެވި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ މައްސަލާގައި ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވީ ސިޔާސީ ލީޑަރުގެ ހައިސިއްޔަތުން ލިބިދޭ ހައްގުތަކުގެ ވާހަކަ ދައްކަވަން ދެން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑު ނެތިން މިއަދު ސިޔާސީ ވާހަކައެއް ދައްކާކަށް، އަޅުގަނޑު މި ހުރީ އެ ފުރުސަތު ވެސް ދޫކޮށްލައިގެން،" 40،000 އެއްހާ މެންބަރުން ހިމެނޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ ފުރަތަމަ ކަނޑައެޅި ރިޔާސީ ކެންޑިޑޭޓު ޔާމީން ވިދާޅުވި އެވެ.
ޔާމީން ހައި ކޯޓުގައި އެދިވަޑައިގަތީ އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށެވެ. އުނަގަނޑުގައި ރިއްސާތީ، ޑޮކްޓަރުން އިރުޝާދު ދީފައިވާ ގޮތަށް ކަސްރަތު ކުރުމާއި ފިޒިއޯ ތެރަޕީގެ އެއްވެސް ފުރުސަތެއް ޖަލުން ނުލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސިޔާސީ ފުރުސަތު ދޫކޮށްލައްވައިގެން ހުންނެވި ކަމަށް ޔާމީން މިއަދު ވިދާޅުވިއިރު، ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަން މުޅީން ޔަގީން ވެގެން ދިޔުމުން އެމަނިކުފާނު އެންމެ ފުރަތަމަ ލަފާ ދެއްވީ ޕީޕީއެމުން އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
ޕީޕީއެމުން އިންތިހާބު ބޮއިކޮޓް ކުރުމަށް ލަފާ ދެއްވައި، އެ ޕާޓީގެ ސެނެޓުން އެ ކަމުގައި ގޮތެއް ނިންމަވަން ޔާމީން އެދިވަޑައިގަތް އިރު، ބެކްއަޕް ކެންޑިޑޭޓަކަށް އޭރު ވެސް މުއިއްޒު ތައްޔާރުވުމަށް ޕީއެންސީގެ ސެނެޓުން ނިންމަވާފައިވެ އެވެ.
ޕީޕީއެމްގެ ސެނެޓުގައި ބަހުސް ވަރަށް ބޮޑަށް ހޫނުވެ، ހަމަނުޖެހުމަކަށް ވެސް ބަދަލުވި އެވެ. ޕީޕީއެމް/ޕީއެންސީގެ އޮފީސް ހިންގީ އިމާރާތުގެ ތެރެއަށް ޕީޕީއެމްގެ ސެނެޓުގައި ނުހިމެނޭ ބަޔަކު ވަދަގެން އިތުރަށް ހަމަނުޖެހުން ބޮޑުވުމުން ސެކިއުރިޓީ ދޭން ފުލުހުން ވެސް އެ ދުވަހު އެ ތަނަށް ދިޔަ އެވެ.
ޕީޕީއެމްގެ ސެނެޓުން ވެސް ފާސްވީ އިންތިހާބުގައި ވާދަކުރުމަށެވެ. ޕްލޭން ބީއަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރުމަށް މަސައްކަތް ކުރުން ކަމަށް ވިޔަސް، އެ ކަމަށް ވަގުތު ނުލިބުމުން ޕްލޭން ސީގައި ނިންމި ގޮތަށް މުއިއްޒާ އެކު މުޅި ކޯލިޝަންގެ ލީޑާޝިޕުން ވަނީ ކެމްޕެއިނަށް ތައްޔާރުވެފަ އެވެ.












