ދިވެހިންނަށް ވިސާ ނުނަގާ ސައުދި އަރަބިއްޔާއަށް ދަތުރުކުރެވޭ ގޮތް އިއްޔެ ހަމަޖައްސައިދީފި އެވެ.
ސައުދީ ސަރުކާރުން ކުރި އިއުލާނެއްގައި ވަނީ، ރާއްޖެ ހިމެނޭހެން އަށް ގައުމަކުން ޓޫރިޒަމްގެ ބޭނުންތަކަށް އެ ގައުމަށް ދަތުކުރާ މީހުންނަށް ވިސިޓް ވިސާ ދޭން ނިންމައިފަ އެވެ. ރާއްޖޭގެ އިތުރުން އެ ލިސްޓުގައި ދެން ހިމެނެނީ އަލްބޭނީއާ އާއި އާޒަރުބައިޖާނާއި ޖޯޖިއާގެ އިތުރުން ކިރިގިސްތާނާއި ސައުތު އެފްރިކާ އާއި ތަޖަކިސްތާނާއި އުޒުބެކިސްތާނެވެ.
ވިޒިޓާ ވިސާ އޮންލައިންކޮށާއި އޮން އެރައިވަލްގައި ލިބޭނެ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ. މި ވިސާގެ ދަށުން ހުއްދަވާ ކަންތައްތަކަކީ:
- އުމްރާ
- ޓޫރިޒަމް
- ވިޔަފާރި
- އާއިލާ އާއި ރައްޓެހިންނަށް ޒިޔާރަތްކުރުން
ވިޒިޓް ވިސާގައި އުމްރާގެ އަޅުކަން އަދާކުރެވުނު ނަމަވެސް ހައްޖުގެ އަޅުކަން އަދާ ނުކުރެވޭނެ އެވެ. ހަމައެހެންމެ އުޖޫރަ ލިބޭ ގޮތަށް މަސައްކަތް ކުރުން ވެސް މަނާ ވާނެ އެވެ.
ސައުދީން ވިސާގެ ކަންކަމުގައި ލުއި ދެމުން އަންނަނީ ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުކުރާށެވެ. އެ ގައުމުން އަމާޒު ހިފާފައިވަނީ އަހަރަކު 100 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.














