މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މި ވައިރަހަކީ ބަންދު ތަންތަނުގެ އިތުރުން ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ހަލުވިކަމާ އެކު ފެތުރޭ ވައިރަސްއެއް ކަމުން އެޗްޕީއޭއިން ވަނީ މީހުން ގިނަ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭ އިން ވަނީ ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި އުކާލުމަށާއި، ބްލީޗް ބޭނުންކޮށްގެން ދިރިއުޅޭ ތަން ސާފުކުރުމަށް އަންގާފަ އެވެ.
އަދި, ގިނަ ގިނައިން އަތް ދޮންނަން ވެސް ވަނީ އެދިފަ އެވެ. އެގޮތުން. ހޭންޑް ސެނިޓައިޒަރު އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށާއި، ރަނގަޅަށް ސައިބޯނިލައިގެން އަތް ދޮންނަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އޭގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

މާލޭގައި ބުދަ ދުވަހުގެ ރެއިން ފެށިގެން ފެތުރެނީ ހޮޑުލެވޭ ވައިރަލް ރޯގާއެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމުގެ އިތުރުން ބޮޑުކަމުދިޔުން ވެސް ހިމެނެ އެވެ.
އެ ބަލި އިއްޔެ ރެއިން ފެށިގެން އާދަޔާ ހިލާފަށް ފެތުރެން ފެށިއިރު، މިނިވަން ދުވަސް ފާހަގަ ކުރަން މާލޭގައި ބޭއްވި ކުޅިވަރުތައް ބެލުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުތެވެ.













