އދ. ގެ ގްލޯބަލް އޮޕަރޭޝަނަލް ނެޓްވޯކް އޮފް އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމަންޓް އޮތޯރިޓީސް (ގްލޯބްއީ) ގެ މެމްބަރުކަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީއަށް) ލިބިއްޖެ އެވެ.
އޭސީސީގެ ބަޔާނެއްގައި ބުނެފައި ވަނީ، ގްލޯބްއީ ނެޓްވޯކުގެ މެމްބަރުކަން އެ ކޮމިޝަނަށް ލިބިފައި ވަނީ މިމަހުގެ 17 ގަ ކަމަށެވެ.
"ގްލޯބްއީ ނެޓްވޯކްގެ މެމްބަރުކަން އޭސީސީއަށް ލިބުމާއެކު ކޮރަޕްޝަނާއި ދެކޮޅަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކާއި ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ،" އޭސީސީގެ ބާޔާނުގައި ބުނެފައިވެ އެވެ.
ގްލޯބްއީ ނެޓްވޯކަކީ ގައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކޮމިޝަންތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށް މަޝްވަރާކޮށް މަސައްކަތްކުރާ ނެޓްވޯކެކެވެ.
އެގޮތުން ބައްދަލުވުންތަކާއި ތަފާތު ހަރަކާތްތައް ބާއްވައިގެންނާއި ވާޗުއަލް މަންސަތައް މެދުވެރިކޮށް އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަށް ގްލޯބްއީ ނެޓްވޯކް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އޭސީސީއިން ބުނެ އެވެ.

ގްލޯބްއީ ނެޓްވޯކްގެ މެމްބަރު އިދާރާތަށް ހިމެނޭ ގައުމުތަކުގެ އަދަދު 91 އަށް އަރާފައިވާއިރު، އިދާރާތަކުގެ އަދަދު މިހާރުވަނީ 161 އިތުރުވެފަ އެވެ.














