ދިރާސީ އަހަރު ފަށަން ކުޑަތަންވެފައި ވަނިކޮށް ސްކޫލްތަކާއި ސްކޫލްތައް ނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކޮށް ލައިސެންސް ދިނުމުގެ ގަވާއިދު މިއަދު ގެޒެޓުކޮށްފި އެވެ.
ޓީޗަރުންނަށް ލައިސަންސް ދިނުމުގެ ގަވާއިދު އެކުލަވާލީ މީގެ ދެ އަހަރު ކުރިން، އޮގަސްޓު 2021 ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުން ރަޖިސްޓްރީކޮށް، ކިޔަވައިދިނުމުގެ ލައިސެންސެއް ދޫކުރަން ޖެހެ އެވެ.
މި ގަވާއިދުގައިވާ ގޮތުގައި ސްކޫލްތަކާއި ސްކޫލްތައް ނޫން ތަންތަނުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި، ލެބް އެސިސްޓެންޓުންނާއި، ސަޕޯޓް ސްޓާފުންގެ އިތުރުން ޓީޗަރެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ޓްރެއިނީން ފިޔަވައި އެންމެން ލައިސަންސް ނަގަން މަޖުބޫރެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީ ޓީޗަރުން ވެސް ހިމެނެއެވެ.
މި ލައިސެންސް ދޫކުރަނީ އެކަމަށްޓަކައި މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުންނެވެ. އެ ބޯޑުން ދޫކުރާ ލައިސަންސްގެ ބާވަތްތަކަކީ:
- ޓީޗިން ލައިސެންސް
- ސްކޫލް ލީޑާޝިޕް ލައިސެންސް
- ސްކޫލް ޕްރޮފެޝަންސް ލައިސެންސް
މި ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފެށި ނަމަވެސް، މިހާރު މަސައްކަތް ކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތް ސާފެއް ނޫނެވެ. ގަވާއިދުގައިވާ އިބާރާތަކީ "މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހިދުމަތުގައި ތިބި މުދައްރިސުން، ބޯޑުން އަންގާ ގޮތެއްގެ މަތިން، ރަޖިސްޓްރީވެ، ލައިސެންސް ހޯދަން ވާނެ" މިހެންނެވެ.













