މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ގާތްގަނޑަކަށް 210.9 މިލިއަން ރުފިޔާއަށް ހުޅުމާލޭން 43،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ގަނެފިއެވެ.
ބިން ވިއްކުމުގެ މުއާމަލާތާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުން އެނގޭ ގޮތުގައި އެމްއެމްއޭއިން މި ބިން ގަނެފައި ވަނީ އަކަފޫޓަކަށް 4،860ރ. ރޭޓުގަ އެވެ.
އެމްއެމްއޭގެ މީޑިއާ އޮފިޝަލް 'އަދަދު'އަށް ވިދާޅުވީ މި ބިން ގަތީ އެ އިދާރާގެ އާ އޮފީސް އިމާރާތް އެޅުމަށް ކަމަށެވެ. މިއީ މިހާރު އެމްއެމްއޭ އިމާރާތް ހުންނަ ސަރަހައްދު ކާރޫބާރޫ ބޮޑު ކަމުންނާއި އެހެން އިމާރާތަކާ އިން ވެގެން ހުންނާތީ، ސެކިއުރިޓީ އިންތިޒާމުތައް ހަމަޖައްސަން ދަތިވާތީ ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެމްއެމްއޭއިން ގަތް ބިން އޮންނަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ސެންޓްރަލް ޕާކުގެ ހުޅަނގަށް ވާގޮތަށް، ކޭ ޕާކު ފްލެޓުތަކާ ޖެހިގެންނެވެ.
އެމްއެމްއޭއިން މިހާރު ބޭނުންކުރަނީ އެ އިދާރާ އުފެދުނީއްސުރެން ބޭނުންކުރަމުން އައި މަޖީދީ ބިލްޑިން ތަޅާލުމަށް ފަހު އެޅި އިމާރާތަކެވެ. މި އިމާރާތް ބޭނުންކުރަން ފެށީ 2008 ގަ އެވެ.













