ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެކައުންޓަކުން ބައެއް އާއްމުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުން ބަލަމުން އަންނަ މައްސަލައިގެ އަސްލަކީ މަސައްކަތު ސައިޓްތަކަށް ޕެޓީކޭޝްގެ ގޮތުގައި ފޮނުވި ފައިސާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
"އަދަދު"ގެ 'އެތެރެފުށް' ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޫކޭ ވިދާޅުވީ އެކުންފުނީގެ މުވައްޒަފުން މިހާރު ތިރީހަކަށް ސަައިޓެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއިން ކޮންމެ ސައިޓަކަށް ޕެޓީކޭޝްގެ ގޮތުގައި މަހަކު 10،000.ރ ޖަމާކުރާ ކަމަށެވެ. ޕެޓީކޭޝްގެ ގޮތުގައި ދޫކުރާ އެ ފައިސާ ޖަމާކުރަނީ މަސައްކަތު ސައިޓްތަކުގައި ތިބޭ މުވައްޒަފުންގެ އެކައުންޓަށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބޮޑު އަދަދެއްގެ ގޮތުގައި ފެނިގެން އުޅެނީ މިދިޔަ ގާތްގަނޑަކަށް ހަތަރު އަހަރުގެ ތެރޭގައި ޖަމާކުރި ފައިސާ ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
"އަަޅުގަނޑުމެންގެ ތިރީހަކަށް ސައިޓު މިހާރު ރާއްޖޭގައި އޮންނާނެ، މާލޭގައި ހަތް ޑިޕާޓްމަންޓް އޮންނާނެ. މި ކޮންމެ ތަނަކަށް ޕެޓީކޭޝްގެ ގޮތުގައި، އެކަމާ ހަވާލުވެ ހުރި މުވައްޒަފަކަށް ހަވާލުކުރާނެ 10،000 ރުފިޔާ. އެއީ ބޮޑު އަދަދެއްނޫން،" މޫކޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަތަރު އަހަރުގެ ތެރޭގައި ޖަމާކުރި ފައިސާ އެއްކޮށްލާފައި ބަލާ ނަމަ އެެއީ ބޮޑު އަދަދަކަށް ވާއިރު އެއީ އޮޅުމެއް އޮތް ކަމެެއް ވެސް ނޫނެވެ. އެކަމާ ބެހޭ ލިޔެކިއުންތައް އާރްޑީސީން ބަލަހައްޓާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" ތަން މެޖޭންކުރުމުގައި ކޭޝް ގެންގުޅުމަކީ ރައްކާތެރި ގޮތެއް ނޫން،" މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކުރުން ދިފާއު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އާރްޑީސީން މާލީ ކަންތައްތައް ބަލަހައްޓާ ގޮތުގައި މައްސަލައެއް ނެތްކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކުލަވައިލާފައިވާ ރިޕޯޓްތަކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބޯޑްގެ ރިޕޯޓްތައް ހުންނާނީ "ވަރަށް ޕޮޒިޓިވްކޮށް" ކަމަށެވެ. ޕްރޮކިއުމެންޓް އުސޫލުތަކަށް ޕީސީބީން ވަރަށް ފަހުން ބަދަލު ގެނައި ކަމަށާއި އެ ބަދަލުތަކަށް އަމަލުކުރާ ހަމަ އެކަނި ތަނަކީ އާރްޑީސީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސައްކަތް ކުރާ ސައިޓްތަކަށް ޕެޓީކޭޝްގެ ގޮތުގައި ފައިސާ ޖަމާކުރާނެ ވަކި އެކައުންޓްތަކެއް ހުޅުވުމާ މެދު ދެކެވަޑައިގަންނަވާ ގޮތާ ބެހޭ ގޮތުން "އަދަދު"އިން ސުވާލުކުރި އެވެ.
"ކިހިނެތްތޯ އެކަން މެނޭޖްކުރާނީ؟ މިއީ ވަގުތީ ސައިޓްތަކެއް މިހުންނަނީ، ކޮންމެ ތަނަކަށް ކިހިނެތްތޯ ވަކި އެކައުންޓްތަކެއް ހުޅުވާނީ ކޮންމެ ރަށަކަށް،" އެ ސުވާލަށް ޖަވާބުދެއްވަމުން މޫކޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕެޓީކޭޝް އެގޮތަށް ދޫކުރަނީ ދައުލަތުގެ އެހެން ކުންފުނިތަކުން އަމަލުކުރާ ގޮތް ވެސް ބަލައިގެންނެވެ. އެއީ އެންމެ ފަސޭހަ ގޮތް ކަމަށާއި އެހެން ނަމަވެސް އެކަމުގައި ހަރުދަނާ ކުރަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.













