ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) ގެ މާލީ ބައެއް މުއާމަލާތްތަކާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލަ ތަހުގީގު ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައި ނުވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
އެ ކުންފުނީގެ އެކައުންޓުން 13 މިލިއަން ރުފިޔާ އަމިއްލަ ފަރާތްތަކެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެއް ބަލަމުންދާއިރު އެކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ވަނީ އާރުޑީސީގެ އިސް މުވައްޒަފުންނަށް ކޮށްފަ އެވެ. އެގޮތުން, ރާއްޖޭގެ އޮންލައިން ނޫހަކުން ވަނީ ރައީސް ސޯލިހު އެ މައްސަލަ ތަހުގީގު ނުކުރުމަށް އަންގާފައިވާ ކަމަށް ބުނެފަ އެވެ.
އެކަން ދޮގުކޮށް ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާކަމަށް ބުނެފަ އެވެ.
"ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ކުރަމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ނުފޫޒުފޯރުވުމުގެ ގޮތުން ނުވަތަ ތަހުގީގު ހުއްޓުވުމަށް އެއްވެސް ފަރާތަކުން ތަހުގީގުގައި ވަކި ގޮތަކަށް އަމަލުކުރުމަށް މި ޚިދުމަތަށް އަންގާފައިނުވެ އެވެ," މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭ އެއްވެސް މަޢުލޫމާތެއް، ތަހުގީގުގައި ބައިވެރިވާ އެއްވެސް ފަރާތަކުން އެ ނޫހާ ހިއްސާކޮށްފައި ނުވާނެކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ.

މައުލޫމާތުގެ ސައްހަކަން ބެލުމަށް މަސައްކަތް ނުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ތަހުގީގުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވާއިރު ތަހުގީގު ކުރަނީ ކޮން ބާވަތެއްގެ މައްސަލައެއްކަން ވެސް ފުލުހުން ނުބުނެ އެވެ.












