ލޯފަން މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމަކާ ނުލައި ވޯޓު ލެވޭނެ ގޮތް ހެދުމަށްޓަކައި ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ލޯފަން މީހުން އެދޭނަމަ ވޯޓު ކަރުދާހުގެ (ބެލޮޓު ޕޭޕާ) ޓެމްޕުލޭޓު ބޭނުން ކޮށްގެން ވޯޓު ލެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާ ގޮތަށް މަޖިލިިހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.
ބެލޮޓް ޕޭޕާ ޓެމްޕުލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައި އޮންނަ އެއްޗެކެވެ. އޭގެ ބޭނުމަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އެމީހަކު ބޭނުންވާ ނަންބަރެއްގައި ފާހަގަ ޖެހުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ބޭރުގެ ގިނަ ގައުމުތަކުގައި ވެސް ބޭނުން ކުރާ އެ ޓެމްޕުލޭޓުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ހުންނަ ގޮޅިތަކާ ދިމާލުން ކެންޑުމެއް ހުންނާނެ އެވެ. އެ ކެންޑުންތައް ފަރުމާ ކޮށްފައި ހުންނާނީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އަތްލައިގެން ނަންބަރު ދެނެގަނެވޭ ގޮތަށެވެ.
އެ ޓެމްޕްލޭޓު ބޭނުން ކުރެވޭނެ ހާލަތާއި އަމަލު ކުރަން ޖެހޭނެ ގޮތްތައް ވަނީ އިސްލާހުގައި ބަޔާންކޮށްފަ އެވެ.

ލޯފަން މީހުންނަށް އެހީތެރިކަމަކާ ނުލާ ވޯޓު ލެވޭނެ ގޮތް ހެދުމަށް އެދި ބްލައިންޑް އެސޯސިއޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުން މީގެ ކުރިން ވޯޓު ލަނީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރާ ގޮތަށް މަޖިލިހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި ބިލު ވެސް ވަނީ މިއަދު ފާސްކޮށްފަ އެވެ. އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެންބަރުންގެ އިއްތިފާގުންނެވެ.












