ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު އިއްވުމަށް ބާއްވާ ޖަލްސާ މިއަދު ބޭއްވުމަށް އެޖެންޑާ ވަނީ ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރަން ހުށަހެޅި މައްސަަލައިގެ ޖަލްސާ އިއްޔެ ބާއްވަން އެ މަޖިލީހުގެ ގަވާއިދު ލާޒިމް ކުރި ނަމަވެސް މިއަދަށް މައްސަލަ އެޖެންޑާ ނުކުރެއްވީ ޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަންޖެހޭ އާންމު ކޮމެޓީ ފުރިހަމަނުވެ އޮތުމުން ކަމަށް ކުރިން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ އޮތީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނިޔުޝާ މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ނައިބު ރައީސް ވަކި ކުރުމުގެ ގަރާރު އިއްވާ ޖަލްސާގެ އިންތިޒާމް ގަވާއިދުގެ ދަށުން އާންމު ކޮމެޓީން މިހާތަނަށް ހަމަޖައްސާފައި ނުވި ނަމަވެސް، އީވާގެ މައްސަލަ އެޖެންޑާ ކުރަން ގަވާއިދު ލާޒިމް ކުރާ ކަމަށެވެ.
"... ގަރާރުގެ ބަހުސްގެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ ކ. ގެ ދަށުން ކަނޑައަޅާފައިނުވި ނަމަވެސް، އެ މާއްދާގެ ނ. ގައި އެ ގަރާރުގެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާ ކުރެވޭނެ ވާހަކަ ދަންނަވަން،" ނިޔުޝާ ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ އާންމު އުސޫލުން 9:00 ޖަހާއިރު ފަށާ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އީވާގެ މައްސަލަ ކުރިއަށް ގެންދިޔުމާއި އެ މައްސަލައިގައި ވޯޓަށް އެހުމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އީވާގެ މައްސަލަ އެޖެންޑާނުކޮށް ކުރިއަށްދާން މަސައްކަތް ކުރުމުން ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ މަޖިލީހުގެ މަސައްކަތް ހުއްޓުވައި ހަޅުތާލުކޮށްފަ އެވެ. އެހެންވެ، މަޖިލީހުގެ ނިޒާމު ނެތް ކަމަށް ވިދާޅުވެ ރިޔާސަތުން ވަނީ ޖަލްސާ ނިންމާލައްވައިފަ އެވެ. ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެވަޑައިގަތުމުން އިއްޔެގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅުއްވާފައިވާތީ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވާ ކަމަށް ނަޝީދު އަންގަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވަކި ކުރަން އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގެ ރައީސް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
އާންމު ކޮމެޓީ ފުރިހަމަ ނުވެ އޮއްވައި އީވާގެ މައްސަލަ މާދަމާއަށް އެޖެންޑާ ކުރުމަށް ނިންމިއިރު، އެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކަން ލިބޭނެ ވަގުތު ކަނޑައަޅަންޖެހެނީ އާންމު ކޮމެޓީންނެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވި ފަހުން ކޮމެޓީ އޮތީ ފުރިހަމަނުވެ އެވެ. އަދި ޕާޓީތަކުން އެއްގޮތަކަށް އެއްބަސްނުވެވިގެން ކޮމެޓީއަށް އަލުން މެމްބަރުން އައްޔަން ކުރެވޭ ގޮތް އަދިވެސް ނުވެ އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ރައްޔިތުންގެ މަޖިލީހުގައި އެޅިފައިވާ ކަމަށް ބުނާ މަރުތަޅުން ނެއްޓި، ޖަލްސާތައް ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހެޅި ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންގޮސްގެން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ. ނޫސްވެރިންގެ އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ،
އެއް ގޮތެއް އެބަ އޮތް. މިހާރު ރައީސް ނަޝީދު ވެސް އެބަ އޮތް ގްރޫޕްގައި ލިޔުއްވާފައި، މިހާރު މިސާލަކަށް ސްޕީކާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ [އަނބުރާ ނަގަންވީ]، އެހެންނޫނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ [އަނބުރާ ގެންދަންވީ]، ކޮންމެވެސް އެކައްޗެއް [އަނބުރާ ނަގާފައި] އަނެކައްޗެއް ހިންގަންވީ ނޫންތޯ؟"
ދުވަހުގެ ފޮޓޯ

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ގަވާއިދު ބައްލަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު











