ފުއްގިރި ޝަރީއަތުގައި ފިނިފެންމާ ލޯންޗުގެ ވާހަކަ އާއި ޔާމީންގެ ސިޔާސީ ސުވާލުތަކެއް އަދީބަށް

ފުއްގިރި ޝަރީއަތުގައި ފިނިފެންމާ ލޯންޗުގެ ވާހަކަ އާއި ޔާމީންގެ ސިޔާސީ ސުވާލުތަކެއް އަދީބަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ހައްޖުގެ އަޅުކަން ކުރެއްވުމަށް ފަހު، އެއާޕޯޓުން މާލެ ވަޑައިގަންނަވަން ދަތުރު ކުރައްވަމުން ގެންދެވި "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ކުށުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު "ފްރޭމް" ކުރީ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ އެންމެ އިސްކޮށް ހުންނެވި ކަމަށް، ކުށަށް އިއުތިރާފުވެފައިވާ އަދީބު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރީ، އެ މައްސަލައިގެ ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ޔާމީނަށް އުފުލާ ދައުވާގެ މައްސަލާގައި ހެކިބަސް ދިނުމަށެވެ.

އަދީބުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުން ޗެލެންޖު ކުރައްވަނީ ޔާމީނާ މެދު އަދީބު އަދާވާތްތެރިވާނެ ކަމަށް ބުނެ އެވެ. އެ ކަމަށް ބާރު ދޭން ޔާމީން އަދި ވަކީލުން ވެސް ނަންގަވާ ނުކުތާއަކީ ލޯންޗުގައި އެއްޗެއް ގޮވި މައްސަލާގައި އަދީބަށް ދައުވާކޮށް އޭރު ހުކުމް ކުރި ކަމެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި، އެމަނިކުފާނުގެ ބައެއް ބޮޑީގާޑުންނަށް ވެސް އެކި ވަރުގެ ޒަހަމްތައް ލިބުނު އެ ހާދިސާއާ ގުޅިގެން އޭރު އެމަނިކުފާނުގެ ނައިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް މައްސަލަ އަލުން ބަލަން އަންގައި ހައި ކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ސުވާލުކުރީ ވެސް ޔާމީންގެ ވަކީލު އާދަމް ޝަމީމް އެވެ. އާދަމް ޝަމީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އޭރު އޭނާ "ފްރޭމް" ކުރީ އެވެ.

ފްރޭމް ކުރުމުގެ ފަހަތުގައި ތިބީ ކޮން ބަޔަކުތޯ ސުވާލު ކުރެއްވުމުން އަދީބު ވިދާޅުވީ "ބޮޑަށް ބެލެވެނީ ސަރުކާރުގެ ވަރަށް މަތީ ބޭފުޅުންތަކެއް ކުރެއްވި ކަމެއް ކަމަކަށް،" ކަމަށެވެ. ޔާމީން ކުރައްވާނެތޯ ސުވާލު ކުރެއްވުމުން ވިދާޅުވީ "އަޅުގަނޑު ގަބޫލެއް ނުކުރަން" ކަމަށެވެ.

އަދި, ޔާމީނާ އޭނާއާ މެދު ގުޅުން ހީނަރުވެދާނެ ސަބަބެއް އޭނާއަށް ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި މައްސަލައިގެ ހުކުމް ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެއިން އަދީބަށް ލިބޭނެ ފައިދާއެއް އަދި ގެއްލުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ސުވާލުތަކެއް އަދީބަށް

ފިނިފެންމާ ލޯންޗު ގޮވި މައްސަލައާ ގުޅުވައި އަދި ދައުލަތާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ސީދާ ޔާމީން ވެސް އަދީބާ ސުވާލު ކުރެއްވި އެވެ.

ވަކި ގޮތަކަށް ހެކިބަސް ދިނުމުން އަދީބަށް ލިބޭނެ މަންފާއެއް ނެތް ކަމަށް ވިދާޅުވުމުން، ދައުލަތުން ބޭނުންވާ ގޮތަށް ނޫން ގޮތަކަށް ހެކިބަސް ދީފިނަމަ ގޭބަންދު ނިމުމަކަށް އަންނާނެތޯ ޔާމީން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި އަދީބު ވިދާޅުވީ ގޭބަންދުގައި ހުންނެވީ ސިއްހީ ސަބަބުތަކާ ގުޅިގެން ކަމަށެވެ. އަދި, އެއީ ދައުލަތުގެ އިއުތިރާފް އެއްބަސްވުމުގެ ސަބަބުން ލިބިފައިވާ ލުޔެއް ނޫން ކަމަށް އަދީބު ވިދާޅުވި އެވެ.

ފިނިފެންމާ ލޯންޗު ގޮވި މައްސަލާގައި ދައުވާނުކޮށް އޮތީ އެ އެއްބަސްވުމުގެ ދަށުންތޯ ޔާމީން ސުވާލުކުރެއްވުމުން އަދީބު ވިދާޅުވީ އެއްބަސްވުމުގައި އެފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ.

ކުރިއަށް ރިޔާސީ އިންތިހާބު އޮތް އިރު އެ އިންތިހާބު ޕީޕީއެމުން ކާމިޔާބުކޮށް އަދީބަށް މިހާރު ލިބިފައިވާ ލުއިތައް ގެއްލިދާނެ ކަމުގެ ބިރުވެރިކަން އޮތްތޯ ސުވާލު ކުރެއްވި އެވެ. އަދީބު ވިދާޅުވީ ނެތް ކަމަށެވެ.

ޔަމީންގެ ފަހު ސުވާލަށް ދައުލަތުން އިއުތިރާޒު ވެސް ކުރި އެވެ. ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ގާނޫނު އަސާސީން މިނިވަންކޮށް އޮންނަ ޕްރޮސެކިއުޓަ ޖެނެރަލްގެ މައްޗަށް ސަރުކާރަކަށް ބަސް ނުބުނެވޭނެ ކަމަށެވެ.

އަދީބު ހެކިބަހުގައި ދެން ހިމެނޭ ކަންކަން؛

އަދީބު ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމަށް ދުބާއީ ކުންފުންޏެއް ހިންގުމުގައި އިސްކޮށް އުޅުއްވާ އިންޑިއާ ބަޔަކާ ބައްދަލުކުރީ ޔާމީންގެ އެންގެވުމަކަށް ކަމަށެވެ.

އޭގެ ފުރަތަމަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވެސް ބައިވެރިވެވަަޑައިގަތް ކަމަށް އަދީބު ވިދާޅުވި އެވެ.

އެއާ ގުޅުވައި ދިފާއީ ވަކީލުން އަމާޒުކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވި ބޮންޑެއަކީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ކަމަށެވެ.

އެ ބައްދަލުވުމުގައި ރަށުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެއްބަސްވި އަގަކީ 2.5 މިލިއަން ޑޮލަރެވެ. ނަމަވެސް, ކުންފުނީގެ ފަރާތުން އަހުމަދު ކްރިކް ރިޒާ، ޒިޔަތުއާ ބައްދަލުކުރައްވައި ހަތަރު ލައްކަ ޑޮލަރަށް އަގު ތިރި ކުރެއްވުމަށް އެދިވަޑައިގަތް ކަން މެސެޖް ކުރައްވައި ޒިޔަތު ދެންނެވި ކަމަށް އަދީބު ވިދާޅުވި އެވެ.

ނަމަވެސް, ރ. އަތޮޅުގެ އެހެން ރަށްރަށް ފަސް މިލިއަން ޑޮލަރާ ގާތް ކުރާ އަގުތަކަށް ދޫކޮށްފައިވާތީ ހަތަރު ލައްކަ ޑޮލަރު މާ ބޮޑަށް ވެސް ކުޑަވާނެތީ، އެ އަގުގައި ދޫކުރުމަށް އެމްއެމްޕީއާރުސީން ތައްޔާރުކުރި ސިޓީއެއް ވެސް ނުފޮނުވައި އަދީބު ހިފެހެއްޓެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަގާ ގުޅޭ ގޮތުން ޔާމީނާ މަޝްވަރާކުރެއްވުމުން، އަގު ތިރިކޮށްގެން މެނުވީ އެމަނިކުފާނަށް ލިބެން އޮތް ކޮމިޝަން ބޮޑު ކުރެވޭނެ ގޮތެއް ނެތް ކަމަށް ޔާމީން އެންގެވި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އަޅުގަނޑު ލަފާ ދެއްވިން، އެންމެ ކުޑަވެގެން ވެސް ގާތްގަނޑަކަށް 1.55 މިލިއަން ޑޮލަރަށޭ ކުއްޔަށް ދެވޭނީ، ނޫނީ ފަހުން ވަރަށް ގިނަ މައްސަލަތައް ނުކުންނާނޭ، ދެން އަޅުގަނޑަށް ކޮންވިންސް ކޮށްދެވުނު ރައީސް ޔާމީން،" އަދީބު ވިދާޅުވި އެވެ.

ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށެވެ. އެ ކުންފުންޏަށް ފުއްގިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ.

ޔާމީން އަންގަވައިގެން އެއްބަސްވުމުގައި ސޮއިކުރުން ދެ ފަހަރެއްގެ މަތިން ފަސްކުރި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި, ސޮއިކުރުމަށް އެންމެ ފަހުން ނިންމުނު ދުވަހުގެ ހެނދުނު ސޮއިކުރުމަށް އޮތް ނަމަވެސް ސޮއިކުރެވުނީ އެ ދުވަހުގެ މެންދުރުފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެނދުނު ދިހައެއް ޖެހީއްސުރެން އަޅުގަނޑުމެން ތިބިން، އެކަމަކު ރައީސް ޔާމީން އެންގެވީ، ކޮމިޝަން ޕޭމަންޓްގެ ކޮންފަމޭޝަނެއް ކްރިކް ދެއްވާނެއޭ، ދެއްވީމައޭ ސޮއިކުރައްވާނީ، ކްރިކް އެ ކޮންފަމޭޝަން ދީފިއޭ، އެ ކަން ރައީސް ޔާމީން އެންގެވުމުން އެ ދުވަހު މެންދުރުފަހު ސޮއިކުރެއްވުނީ،" އަދީބު ވިދާޅުވި އެވެ.

ދައުވާގައި ހިމެނޭ ކަންކަން؛

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގަ އެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގަ އެވެ.

އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox