ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި ނޫނީ މި މިންވަރަށް ވަކި ފަރާތަކަށް ޖެހިގެން އަމަލު ކުރައްވާ އެއްވެސް ރިޔާސަތެއް މާޒީގައި ދެކެވަޑައިގެންފައި ކަމަށް އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުގެ އެތެރެފުށް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގައި މެދުނުކެނޑި ހަތަރު ވަނަ ދައުރެއް އަދާކުރައްވަމުން ގެންދަވާ އަސްލަމް ވިދާޅުވީ މީގެ ކުރީގައި ވެސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ބައެއް ބޭފުޅުން ކިބައިން ވަކި އަތަކަށް ޖެހިގެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މިހާރުގެ ރިޔާސަތުން ވަކި އަތަކަށް ޖެހިގެން އެ މަސައްކަތް ކުރައްވާ މިންވަރަށް ކުރެއްވި އެއްވެސް ރިޔާސަތެއް ނެތް ކަމަށެވެ.
"ގަވާއިދުން ބޭރުގައި، ވަރަށް ބޮޑު ހުދުމުހުތާރުކަމެއް ވެސް ފެނިގެންދިޔަ ޒަމާނެއް ވެސް ދިޔަ، އެއީ މަސީހުގެ ރިޔާސަތުގައި، އެހެންނަމަވެސް އެ މަނިކުފާނު ވެސް ހަމަ ގިނަ ކަންކަން ހަމަ ވަރަށް ރަނގަޅަށް ކުރައްވާފައި ހުރީ، ކޮންމެވެސް ހަމައެއް އަޅުއްވައިގެން ގަވާއިދަށް ނޫނީ ބަދަލެއް ގެންނަވާފައި ބައެއް ކަންކަން ކުރައްވަމުން ގެންދެވީ، އެހައި ބޮޑުތަނުން ހަމަ ސީދާ ކަނޑައެޅިގެން ނުހަދާނަމޭ، ނުކުރާނަމޭ، މަށެއްނުންހޭ؟ އެކަހަލަ ބަސްފުޅެއް ވިދާޅެއް ނުވޭ،" ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ބަހުސްގައި ވެސް އަދި ކޮމެޓީތަކަށް ވަޑައިގެން ކޮމެޓީތަކުގެ ބަހުސްގައި ވެސް ބައިވެރި ނުވެވޭނެކަމަށް ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދުގައި އޮތް ނަމަވެސް ނަޝީދު އަމަލު ކުރައްވަނީ އެއާ ހިލާފަށް ކަމަށެވެ.
"މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެކިއެކި މައްސަލަތަކުގައި ދެކެވަޑައިގަންނަވާ ގޮތް އެބަ ވިދާލުވަމުން ގެންދަވާ، ކޮމެޓީތަކުގައި ވެސް ދެކެވަޑައިގަންނަވާ ގޮތް، އެ މައްސަލަ ގެންދަވަން ފެނިވަޑައިގަންނަވާ ގޮތް، ހައްދަވަން ވާގޮތް، ބައެއްފަހަރު ހުށަހަޅުއްވަންވާ ބައެއް ހުށަހެޅުންތައް ހުށަހަޅުއްވަން ވާގޮތް، އެ ލެވެލްގައި ބައެއްފަހަރު އަމަލުތައް ގެންގޮސްފައި އެބަހުރި،" އެފަދަ ކަންކަމަކީ އެއްވެސް ވަރަކަށް ކޮށްގެން ވާނެ ކަންކަމެއް ނޫންކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހަގީގަތުގައި މަޖިލީހަށް ވަޑައިގެން، މަޖިލީހުގެ އެއްވެސް ކަމެއްގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންނެވުމުގެ އެއްވެސް އޮތޯރިޓީއެއް ނަޝީދަށް ލިބިވަޑައިގެން ނުވާ ކަމަށެވެ.
"އޮތޯރިޓީއެއް ނެތް ހަގީގަތުގައި އަޅުގަނޑު ގަބޫލު ކުރާ ގޮތުން، އައިސްފައިި މަޖިލީހުގެ އެއްވެސް ކަމެއްގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންނަވާކަށް،"
އަސްލަމް އެފަދައިން ވިދާޅުވެފައި ވާއިރު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އޭގެތެރެއިން އީވާގެ މައްސަލައިގެ ނޯޓިސް މުއްދަތު މާދަމާއަށް ހަމަވާއިރު، މަޖިލިސް ކުރިއަށް ގެންދެވިދާނެ ކަމާ މެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ.
އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލިސް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން ހިމެނޭހެން، އިދިކޮޅުން ބުނަމުން ގެންދަނީ މަޖިލިސް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދު ތަން ނުދޭ ކަމަށާއި މަޖިލިސް އޮތީ މަރުތަޅު އެޅިފައި ކަމަށެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ މެންބަރުންނާއި އެ ޕާޓީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި މަޖިލިހުގެ ތަޅުމާއި ހަވާާސާގައި ވެސް ހޫނު ޒުވާބުތައް ކުރިއަށްދެ އެވެ. ހާއްސަކޮށް މި ވޭތުވެދިޔަ ދެ ހަފުތާއެއްގެ ތެރޭގައި އެ ހޫނުމިން މަތިވެފައިވާއިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަސްލަމް، އަދަދު ނޫހުގެ އެތެރެފުށް ޕޮރޮގްރާމުގައި ވިދާޅުވީ،
ހާއްސަކޮށް މިދިޔަ ދެ ހަފުތާއެއްގެ ތެރޭގައި [މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު] މެންބަރުންނާ ކުރިމަތިލައްވާ، ޒުވާބަށް ވާގޮތަށް ބަސްފުޅު ވިދާޅުވަމުން އެބަ ގެންދަވާ. އިންޒާރަށް ވާގޮތަށް ބަސްފުޅު ވިދާޅުވަމުން އެބަ ގެންދަވާ،"












