ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު އަދާވާތްތެރިކަން އޮތް ކަމަށް ބުނާ ހާލަތު މިހާރު ވުޖޫދުގައި ނެތް ކަމަށް ދައުލަތުގެ ވަކީލުން ބުނުމުން، ޝަރީއަތުގައި ޔާމީން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރަކަށް އަދީބު ހުންނެވިއިރު ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ވަކިވަކި ބައެއް ރަށްރަށުގެ މުއާމަލާތްތަކާ ގުޅިގެން ޔާމީންގެ މައްޗަށް ދައުވާތަކެއް އުފުލައި ޝަރީއަތް ދަނީ ކުރެވެމުންނެވެ.
މިހާރު ކްރިމިނަލް ކޯޓުގައި ހިނގަނީ ރ. ފުއްގިރި ކުއްޔަށް ދޫކޮށް ހިންގި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތެވެ. މި މައްސަލާގައި ވެސް ދައުލަތުން ހުށަހަޅާ މައި ހެއްކަކީ އަދީބަށްވާއިރު، އަދީބަކީ ޔާމީންގެ އަދާވާތްތެރިއެއް ކަމަށް ބުނެ އެ ހެކިބަސް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން ވަނީ ހުށަހަޅުއްވައިފަ އެވެ.
ޔާމީންގެ އެ ހުށަހެޅުއްވުމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، ދިފާއުން ފާހަގަ ކުރާ ހާލަތަކީ ޔާމީން ރާއްޖޭގެ ވެރިކަމުގައި ހުންނެވި ދުވަސްވަރަށް ވެފައި އެ ދުވަސްވަރު ނައިބު ރައީސަކަށް އަދީބު ހުންނެވުމުން ވެރިކަމުގެ ދަހިވެތިކަމުގައި އޮތް ހާލަތު ކަމަށެވެ.
ޔާމީނަކީ މިހާރު ރައީސެއް ނޫނެވެ. އަދި, އަދީބު ހުންނެވީ ޔާމީން ފަހަތަށް ޖައްސަވާފައި ސިޔާސީ ބާރުވެރިކަމެއް ހޯދޭނެ މަގާމަކު ނޫނެވެ. އެހެންކަމުން ހާލަތު ބަދަލުވުމުން، ދިފާއުން އެ ފާހަގަ ކުރާ ހާލަތެއް ނެތް ކަމަށް ޕަބްލިކް ޕްރޮސެކިއުޓަރު ޝަފީއު ވިދާޅުވި އެވެ.

އަދީބުގެ އަދާވާތްތެރިކަމެއް އޮތް ކަމަށް ބުނަން ޔާމީންގެ ފަރާތުން ފާހަގަކުރާ އަނެއް ކަމަކީ ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާއާ ގުޅިގެން އަދީބަށް އޭރު ދައުވާކޮށްފައި އޮތުމެވެ.
ނަމަވެސް, އެ ދައުވާ ސާބިތުނުވާ ކަމަށް ހައި ކޯޓުން ކަނޑައަޅައި މައްސަލަ އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވާލުމުން، އަދީބަކީ ކުށް ސާބިތުވެފައި ހުރި މީހަކަށް ނުވާ ކަމަށް ޝަފީއު ފާހަގަ ކުރެއްވި އެވެ. އަދި ފަހުން ފުލުހަށް މައްސަލަ ފޮނުވި ގޮތަށް އަދިވެސް އޮތް ކަމަށް ޝަފީއު ވިދާޅުވި އެވެ.
ދައުލަތުން ނެގި ނުކުތާއާ މެދު ހިތްހަމަނުޖެހި ޔާމީން ވާހަކަ ދައްކަވަން ބޭނުންވެގެން ފުރުސަތަކަށް އެދުނެވެ. ޝަރީއަތުން ދިން ފުރުސަތުގައި ޔާމީން ވިދާޅުވީ އެއް އިރެއްގައި އަދާވާތްތެރިކަން އޮވެފައި، މިހާރު އާދާވާތްތެރިކަން ނޯންނަންވީ ސަބަބެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށެވެ.
އަދި, އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމުގައި، ދައުލަތަށް އެއްބާރުލުން ދޭނަމަ އަދީބަށް އުފުލާފައިވާ އެފަދަ ދައުވާތައް ނުކުރާނެ ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ.
އަދީބާއި ޒިޔަތުގެ ހެކިބަސް މުހިންމު ވަނީ، ދައުވާގައި ހިމެނޭ ކުށުގެ އުންސުރުތަކާއި ހާދިސާގެ ވާގިއާ (ފެކްޓްސް) ތައް ސާބިތުވާނެ ކާފީ ހެކި ހަމަވަނީ އެ ހެކިބަސްތައް ހިމެނުމުން ކަމަށް ދައުލަތުން ބުނެފައިވާތީ، ކާފީ ހެކިންނަށްވީ އިއުތިރާފު އެއްބަސްވުމަށް ފަހުތޯ ވެސް ޔާމީން އެއްސެވި އެވެ.
ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ޝަފީއު ދެން މިސާލަކަށް ނެންގެވީ ޔާމީންގެ ދިފާއީ ވަކީލަކަށް މިހާރު ހުންނެވި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ. ޔާމީންގެ ނައިބަކަށް ހުންނަވަނިކޮށް މަގާމުން ވަކިކުރުމުން، ޔާމީނާ ދެކޮޅަށް ރިޔާސީ އިންތިހާބުގައި ޖަމީލު މަސައްކަތް ކުރެއްވި އެވެ.
"ސިޔާސީ މަސައްކަތުގައި އުޅުއްވާއިރު، މުސްކުޅި ހަރުބަހެއްގައި ވެސް އޮންނަ ފަދައިން، މިތުރުން ހަތުރުންނަށްވޭ، ހަތުރުން މިތުރުންނަށްވޭ، ހާލަތު ބަދަލުވުމުން، އަދީބާއި ރައީސް ޔާމީނާ ދެމެދު އޮތް އާދާވާތްތެރިކަމެކޭ އެ ބުނާ ހާލަތަކީ ސިޔާސީ ގޮތުން އޮތް އަދާވާތްތެރިކަމެކޭ،" ޝަފީއު ވިދާޅުވި އެވެ.
ހެކިތަކަށް އިއުތިރާޒުކޮށް ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތް
ދައުލަތުން ހޯދި ހެކިތަކަށް އިއުތިރާޒުކޮށް ޔާމީން އަދި ކްރިކްގެ ފަރާތުން އެކި ހުށަހެޅުންތަކެއް ހުށަހެޅީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 145 ވަނަ މާއްދާގެ (ރ) ގެ ދަށުން ހެކިބަސް ނެގުމުގެ ކުރިއަށް ހުށަހެޅުމަށް އިއުތިރާޒު ކުރުމަށް އޮންނަ ހައްގުގެ ތެރެއިންނެވެ.
ބޭންކުން ހޯދާފައިވާ ހެކިތަކަކީ ކޯޓު އަމުރެއް ނެތި ހޯދި ހެކިތަކަކަށްވާތީ އެއީ ބޭންކިން ގާނޫނާ ހިލާފަށް ހޯދި ހެކިތަކެއް ކަމަށް ބުނެ އިއުތިރާޒެއް ހުށަހަޅާފައިވެ އެވެ. ހިޔާނާތް ތަހުގީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަން ފިޔަވައި އެހެން ތަހުގީގު އިދާރާތަކުން ހޯދި ހެކިތަކާއި، ބޭންކުން ހޯދި ހެކިތައް ބަލައިނުގަތުމުގެ ހުށަހެޅުމެއް ވެސް ހިމެނެ އެވެ.
މި ހުށަހެޅުންތައް ވެސް ޝަރީއަތުން ބަލައެއް ނުގަތެވެ. ސަބަބަކަށް، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެއީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި ވެސް އެފަދަ ހުށަހެޅުންތައް ހުށަހެޅިފައިވާ ކަމަށެވެ. އަދި ހެއްކާ ބެހޭ ގާނޫނަށް ފަހު ވެސް ބަދަލެއް ފެންނަން ނެތް ކަމަށެވެ.
ހެއްކާ ބެހޭ އާ ގާނޫނަށް ހަވާލާދީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އޮތް ހުށަހެޅުން ބޭރުކޮށްލަން ގާޒީ އަލީ ނަދީމް ނިންމެވި ސަބަބަކީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ލިބޭ ފުރުސަތުގައި އެ ނުކުތާތަކަށް ވާހަކަ ދައްކަން ފުރުސަތު ލިބޭނެތީ އެވެ. އެހެންކަމުން އެއީ ހެކިބަސް ނުނަގައި ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލައިގެ ފަސްފަހަތް؛
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.













