ހުޅުމާލެ-މާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރުއޫގެ ދަށުން ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު "އަދަދު" އަށް ވިދާޅުވީ މި ފެށޭ ޖުލައި މަހުގެ ނިޔަލަށް ޕެނަލްތައް ޖަހައި ނިންމާލެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
އެ މަޝްރުއޫގެ ދަށުން ޖަހާ ސޯލާ ޕެނަލްތައް ހަރުކުރަން ފެށީ ހައިވޭގެ މެދުގައި އޮންނަ އައިލެންޑު އޭރިއާގަ އެވެ. ހައިވޭގެ މޫދާވީ ފަޅީގައި ޕެނަލް ހަރުކުރަން ފަށާނީ އައިލެންޑު އޭރިއާ ނިމުމުން ކަމަށް އިފާދު ވިދާޅުވި އެވެ.
"މަޝްރުއޫ މިދާ ރޭޓަށް ބަލާއިރު އަންދާޒާކުރެވިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ރުފިޔާއިން ކަރަންޓް ޔުނިޓަކަށް އެއް ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.

އެ މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ތެލަށް ކުރާ ހޭދައިން ކުޑަކުރެވޭނެ އެވެ.













