އައްޑޫ ތަރައްގީކުރުމުގެ ވާހަކަ އެ ސިޓީގެ ރައްޔިތުންނަށް ގަބޫލުކުރެވިފައި އޮތީ ކުލަ ނުވި ހުވަފެނެއްގެ ގޮތުގަ އެވެ. ނަމަވެސް، މިއަދު ފެށި ބިން ހިއްކުމުގެ ބިޔަ މަޝްރޫއުއާއި އެ މަޝްރޫއުއާ ގުޅިލާމެހިފައިވާ އެހެން ޕްލޭނުތަކާއެކު އުއްމީދުތައް ހަގީގަތަކަށް ވެގެންދާނެކަން ގަބޫލުކުރެވޭނެ މިންވަރަށް ކުލަވާން ފަށައިފި އެވެ.
ދޮޅު ބިލިއަން ރުފިޔާގެ ބިން ހިއްކުމުގެ މަޝްރޫއާއި އެ މަޝްރޫއުއާއެކު ހިއްކާ ރިސޯޓު ހިންގާނެ ރަށްތަކާއި އުމްރާނީ ތަރައްގީ އާއި އިގުތިސޯދީ ގޮތުން ވަށައިޖެއްސުމަށް ރޭވިފައިހުރި އެހެން މަޝްރޫއުތައް ރައީސް ސޯލިހު މިއަދު ދިވާޅުވެ ދެއްވި އެވެ. އެއީ ފުސްވެ، ގެއްލިދާނެ މަންޒަރެއްގެ ނޫންކަމުގެ ޔަގީންކަން ރައީސް ދެއްވީ ލިޔެވި، ހިސާބުޖެހި، ކުރެހިފައި ހުރި ޕްލޭންތަކުންނެވެ.
އެ ބަދަލުގެ ތެރޭގައި އައްޑޫ އެއާޕޯޓު ބޮޑުކުރުމާއި، ސަންގްރިއްލާ ހިންގޭނެ ގޮތް ހެދުމާއި، ހަންކެޑެ ތަރައްގީކުރުމާއި ފަޅުވެ ވާ ހެދިފައިވާ ގޯތިތަކާއި، ގެސްޓު ހައުސް ހެދުމަށް ދޫކޮށްފައި ހުރި ބިންތައް ރީތި ގެސްޓު ހައުސްތަކާއި ހޮޓާތަކަށް ބަދަލުކޮށްލަން ލޯނު ދިނުން ހިމެނެ އެވެ.
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިންނެ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ އެވެ. ބޭންކު އޮފް ޗައިނާއިން 142.9 މިލިއަން ޑޮލަރު 2.3 ބިލިއަން ރުފިޔާގެ ލޯނު ނަގައިގެން ހިންގާ އެ މަޝްރޫއުގައި 1041 ކޮޓަރި (2082 އެނދު) ހުންނާނެ އެވެ.
އޭގެ އިތުރުން، ދެ ގްރޭންޑް ހޮޓެލް، ދެ ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 64 ސާވިސްޑް އެޕާޓުމެންޓު، 17 ބީޗު ވިލާ ހުންނާނެ އެވެ. އޭގެ އިތުރުން ނޮލެޖު ސެންޓަރު، މިކްސް ސްޕޯޓްސް ބިލްޑިން، އައުޓްޑޯ ބީޗް ސްޕޯޓްސް، ތިއޭޓަރު އަދި ފުޑް ކޯޓާއި ރެސްޓޯރަންޓާއި ފިހާރަތައް ހިމެނެ އެވެ.

"އެއީ އިންޓަގްރޭޓެޑް ރިސޯޓު، ސިޓީ ހޮޓާ، ގެސްޓް ހައުސް އަދި ވޯޓާ ވިލާ އެކުލެވޭނެ ވަށާޖެހޭނެ ޕްރޮޖެކްޓެއް،" އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ހަންކެޑެ މަޝްރޫއުއާ ގުޅޭ ގޮތުން ރައީސް ސޯލިހު ވިދާޅުވި އެވެ.
މިހާރު ހިނގަމުންދާ މަގުހެދުމާ ބިން އިތުރުކުރުމުގެ މަސައްކަތް ޑިޒައިންވެގެން ކުރިއަށް އެ ދަނީ ހަންކެޑެ ނިމޭއިރު އެތަނާ ގުޅޭ ފުރިހަމަ ޕްލޭނާއެއްގޮތަށް. ހަންކެޑެ މަޝްރޫއުގެ ތެރޭން އައްޑޫ ސިޓީގެ އެހެެން ރަށްތަކަށް ޖުމުލަ 600 ޓޫރިސްޓް އެނދު އިތުރުވާނެ. މިއީ ޖުމުލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް. މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫތައް ހިމެނޭއިރު، ޖުމުލަ 7000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި އޮޮޕަރޭޓު ވެގެންދާނެ."

ސަރުކާރު ހިއްސާވާ ޝަންގްރިއްލާ ރިސޯޓު
ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލުން
އައްޑޫ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓު ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ ބަންދުކުރީ ކޮވިޑުން ލިބުނު ގެއްލުމުން އަރައި ނުގަނެވިގެން ކަމަށް ބުނި އޮގަސްޓު 20، 2020 ގަ އެވެ. އޭގެ ކުރިން ވެސް ގެއްލުމުގައި ހިންގަމުން އަންނަ އެ ރިސޯޓު ބަންދުކުރުމުން އެތަނުގައި ވަޒީފާ އަދާކުރާ 500 ވަރަކަށް މީހުންގެ ވަޒީފާ ގެއްލުނެވެ.
މި ރިސޯޓަކީ 2005 ގައި ދިވެހި ސަރުކާރާއި ހޮންގް ކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓްސް އިން ހިންގި ކުންފުންޏެކެވެ. ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރި 284 އެނދުގެ ރިސޯޓަކީ އެހާތަނަށް ރާއްޖޭގެ އެންމެ އަގު ބޮޑު ރިސޯޓެވެ.
ކޮވިޑުތެރޭގައި ހުއްޓުނު ގޮތަށް އެ ރިސޯޓު ވަނީ އަލުން ނުފެށި އެވެ. އެ ރިސޯޓު ހުޅުވެން އޮތީ އެ ރިސޯޓު ތަރައްގީކުރި އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓު ހިއްސާ ދޫކޮށްލައިގެންނެވެ. ގެއްލުމުގައި އެ ރިސޯޓު ހިންގަމުން ދިޔައިރު 30ނުވަތަ 68 މިލިއަން ޑޮލަރުގެ ލޯނެއް އެ ކުންފުންޏަށް ދީގެންނެވެ.
"ދެމެހެއްޓެނިވި ގޮތުގައި އައްޑޫ ޝަންގްރިއްލާ ހިނގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް މިހާރު ތައްޔާރު. އެ ފަރާތާއެކު އޮތް ޒަމާންވީ ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އޮތް ހުރަސް ކަމުގައި ވުމަށް އަޅުގަނޑު ނުހަދާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެކަމަށްޓަކައި ސަރުކާރުން ވަނީ ސިއްހާ ބަދަލުކުރުމުގެ ލިޔެކިޔުންތައް މާޗު މަހުގެ 18 ވަނަ ދުވަހު ޝަންގްރިއްލާ އަށް ފޮނުވައިފަ އެވެ.
"އެކަން ނިމުމާއެކު ބޭނުންވާ ބަދަލުގެނެވި ސަންގްރިއްލާ ހުޅުވި ހިނގަން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވުމަށް ފަހު ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ގެސްޓު ހައުސް އަށް ލޯނު
"އައްޑޫ ގޯތިތައް ފަޅުވެ ގެތައް ވީރާނާވެ ގަސްބޯވެ ވާވަނުމަކީ އައްޑޫ ރައްޔިތުން ހެޔޮ ބަދަލަކަށްޓަކައިވީ ގުރުބާނީއާ ކުރި އުއްމީދުގައި އޮތް ކަމެއް ނޫން. އައްޑޫ ރައްޔިތުން ބޭނުންވީ އައްޑޫ އަބާދުވެ އާރާސްތުވެ ކުރިއަރާ ދިއުން. އެ މަގުތައް މިދަނީ ކޮށާ އަލިވެ އާރާސްތުވަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 25،000 މީހުން އާބާދީއެއް އޮތް އައްޑޫ ބަދަލުކޮށްލަން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ގެސްޓުހައުސް އިމާރާތް ކުރަން ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ. އެ ލޯނު ދޫކުރާނީ ރައީސް ވިދާޅުވި ގޮތުގައި އެސްޑީއެފްސީއިންނެވެ.
"އެސްޑީއެފްސީގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓުހައުސްތައް އިމާރާތްކޮށް ނިންމަދޭ ކޮންޓްރެކްޓަ ފައިނޭންސް މޮޑެލް އައްޑޫއަށް އަންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ދަށުން، އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް ދިގު މުއްދަތަކަށް ނަގަފައިވާ ފަރާތްކަށް، ގެސްޓު ހައުސް އަޅައި ނިންމައިދޭނެ އެވެ. އެ ލޯނު އަނބުރާ ދައްކަން ޖެހޭނީ ދިގު މުއްދަތަކުންނެވެ.
"މި ދެންނެވި ގޮތަށް ދޫކުރެވިފައިވާ 73 ބިން އެބަވޭ. އޭގެ ތެރެިއން 44 ފަރާތްކުން 58 ބިމުގައި ގެސްޓު ހައުސް އިމާރާތް ކުރުމަށް މިހާރު ވަނީ އެދިފައި. މިއީ ޖުމުލަ 2870 ޓޫރިސްޓް އެނދު ހިމެނޭ މަޝްރޫއެއް،" ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއުތައް ފުރިހަމަވެއްޖެ ނަމަ، ވެގެންދާނީ ތާރީހުގައި ވެސް އައްޑޫއަށް އަންނަ އެންމެ ބޮޑު ބަދަލަށެވެ.












