ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް ފުލުހުން ތައްޔާރުކުރާ ތަހުގީގު ފައިލްތައް އެ މައްސަލާގައި ދައުވާކޮށްފައިވާ ފަރާތްތަކަށް ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
އެ މައްސަލައިގައި ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި އެ ކޯޓުން ނެރުނު ހުކުމުގައި ވަނީ ދިފާއުން މައްސަލައިގެ ތަހުގީގުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ދިނުމަށް އެދިއްޖެނަމަ ދައުލަތުން އެ މައުލޫމާތުތައް ދޫކޮށްދޭން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އާ އުސޫލުގެ ދަށުން ފުލުހުންގެ މުއައްސަސާ އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަންގައި ހުރި ފައިލްތައް ދިނުމަށް ދިފާއުން އެދުނެވެ.

ކްރިކް ރިޒާގެ ވަކީލު ޔާމީން އެދުނީ ފުލުހުންގެ އިދާރާއަށް ގޮސް އެ މައުލޫމާތުތައް ހޯދުމަށް އަމުރުކޮށްދިނުމަށެވެ. އަދި, އެ ގޮތަށް އެ އިދާރާއަށްދާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ކްރިމިނަލް ކޯޓުން އޮފިސަރަކު ހާޒިރުވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ސަން އިންވެސްޓްމަންޓްގެ ވަކީލު އަލީ ޝާހު ވިދާޅުވީ އޭސީސީ އަދި ރިޔާސީ ކޮމިޝަނަށް ވަކިވަކިން ހާޒިރުވުމުގެ ފުރުސަތު ދިނުމަށެވެ. އެއީ ފުލުހުންގެ އިދާރާއިން ލިޔުންތައް ދިރާސާކޮށް އަދި ދިފާއުގެ އަތުގައި ހުރި ލިޔެކިޔުމާ އަޅާ ކިޔުމަށް ފަހު ލިޔުމެއް މަދުކަމަށް ގަބޫލު ކުރެވިއްޖެ ހިނދެއްގަ އެވެ.
ދައުލަތުގެ ވަކީލު ހުސައިން ސާމީ ރައްދުގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގައި އޮންނަނީ ހެކި ހާމަކޮށްދޭން އެދޭ އިރު ތަހުގީގު ފައިލްތައް ދިނުމަށެވެ. އެހެންކަމުން ދައުލަތަށް ގަބޫލު ކުރެވެނީ، އެއީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި އެދެން ޖެހޭ މައުލޫމާތެއް ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ލިޔެކިޔުންތައް ހަމަކޮށްފައި ޕީޖީގެ ވަކީލުން ކޯޓަށް ހާޒިރުވުމަށެވެ. އަދި, ސުޕްރީމް ކޯޓު އަމުރުގައި ހިމަނާފައިވާ މައުލޫމާތުތައް ދިނުމަކީ ޝަރީއަތުގެ މަރުހަލާ ފެށުމަށް ފަހު ވެސް ދިފާއަށް ލިބިދޭ ހައްގެއް ކަމަށެވެ.
ތަހުގީގު ފައިލްތައް ހޯދައި ކޯޓަށާއި ދިފާއަށް ހިއްސާކުރުމަށް ފަސް ދުވަހުގެ މުހުލަތެއް ގާޒީ އެރުވި އެވެ.
މިއަދު ހެކިބަސް ނެގުމަށް ތާވަލުކޮށް، ބައެއް ހެކިންނަށް ނޯޓިސްދީ ކޯޓަށް ހާޒިރުކޮށްފައިވީ ނަމަވެސް ހެކިތަކާ ގުޅޭ ގޮތުން އިއުތިރާޒުގެ ހުށަހެޅުންތައް ވެސް ހުރުމުންނާއި މައްސަލައިގެ ތަހުގީގު ފައިލްތައް ދޭން ދިފާއުން އެދިފައިވާތީ ހެކިބަސް ކުރިއަށް ގެންދާނީ އެ މަރުހަލާތަކަށް ފަހު ކަމަށް ގާޒީ ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަންގެ ގާނޫނާ ހަވާލާދީ، ދައުލަތުގެ ހެކިތަކަށް އިއުތިރާޒުކުރުން
ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ފުލުހުންނާއި އޭސީސީން ހޯދި ހެކިތަކަކީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނާ ހިލާފަށް ހޯދި ހެކިތަކެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
ދެ ފަރާތުގެ ވަކީލުން ވެސް ފާހަގަ ކުރާ ނުކުތާއަކީ، ރިޔާސީ ކޮމިޝަނުގެ ގާނޫނުގައި ވަކި މުއްދަތެއްގައި ހިނގާފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސޯސް އެ ކޮމިޝަނަށް ދީފައިވަނިކޮށް އެހެން އިދާރާއަކަށް އެ މައްސަލަ ތަހުގީގުކޮށް ހެކި ނުހޯދޭނެ ކަމަށެވެ.
"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އާ ހަވާލުކޮށްފައި ވަނީ ޖަނަވަރީ 1، 2012 އިން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތުގެ މައްސަލަތަކެެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިމެނެ އެވެ.
އެ ހުށަހެޅުންތަކުގެ ރައްދުގައި ދައުލަތުގެ ވަކީލު ހުސައިން ސާމީ ވިދާޅުވީ ބޮޑު ހިޔާނާތުގައި ހިމެނޭ އެކިއެކި މައްސަލަތައް ތަހުގީގުކޮށްފައި ވަނީ ފުލުހުންނާއި އޭސީސީއާއި އެ ކޮމިޝަން ވެސް ހިމެނޭހެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެއީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ރިޔާސީ ކޮމިޝަނުން އެކުލަވާލި އިޖުރާއަތުގެ ގަވާއިދުގެ ތެރެއިން، އެ ގަވާއިދުގައިވާ ގޮތުގެ މަތިން ފުލުހުންނާއި އޭސީސީއާއެކު ގާއިމްކުރި ފަހުމުނާމާއެއްގެ ދަށުން ހިންގި ތަހުގީގުތަކެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މީގެ އިތުރުން، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެކުތަކާއި އެކައުންޓުތަކެއްގެ ބެލެންސްގެ މައުލޫމާތުތައް ތަހުގީގަށް ހޯދާފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށް ބުނެ އެއީ ބޭންކިން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދި އިއުތިރާޒުގެ ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ.
އެ ހުށަހެޅުމަށް އިތުރަށް ދެ ފަރާތުން ވާހަކަ ދައްކަން ބޭނުންވާތީ އަދި އިތުރު ހުށަހެޅުންތަކެއް ވެސް އޭގައި ހިމެނޭތީ ދެން އޮންނަ އަޑުއެހުމެއްގައި އެ ކަން ކުރިއަށް ގެންދިޔުމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި އެވެ.
މައްސަލައިގެ ފަސްފަހަތް؛
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.












