ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, އެ ހިޔާނާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯދި މަންފާ ކަމަށް ބުނެ 52 މިލިއަން ރުފިޔާ ހޯދުމުގެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ޑިސެމްބަރު 25، 2022 ގަ އެވެ. ނަަމަވެސް، 53 މިލިއަން ހަ މަސް ތެރޭ ދެއްކުމުގެ އަމުރު ނެރުނީ ފެބްރުއަރީ 26، ގަ އެވެ.
މައުޟޫއީ މައްސަލައިގެ ހުކުމުގެ ބޭރުން ނެރުނު އެ އަމުރު ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ. އޭގައި ވަނީ، ދަށު ކޯޓުގެ ހުކުމުގައި އުނިކަމެއް އޮތް ކަމަށް ދެކޭނަމަ، ގާނޫނީ އިޖުރާއަތަކީ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފް ކުރުން ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ ކުށްކޮށްގެން ހޯދި ކަމަށް ބުނާ އެ ފައިސާ ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ނެތުމުން، ހުކުމުގެ އެ ބައި ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
"ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މެއި 7, 2023 ގައި ހުށަހަޅައިފީމެވެ." މީޑިއާތަކަށް ޝަފީއު ހިއްސާކުރެއްވި ލިޔުމުގައިވެ އެވެ.

ފަންސާސް ތިން މިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރާއި، އެ ފައިސާއާއި އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާއި އެ ފައިސާއިން އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މީގެ އިތުރުން ޔާމީންގެ ފަރާތުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލަ ހުށަހެޅިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އަދި މައްސަލައިގެ އަޑުއެހުންތައް ނުފަށަ އެވެ.
ޔާމީނަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް, ދަށު ކޯޓުގެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތެކެވެ.













