މި އަހަރުން ފެށިގެން ޖީއެސްޓީ ހަ ފަސެންޓުން އަށް ފަސެންޓަށް ( ދެ ރުފިޔާ) ބޮޑު ކުރުމުން، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ދައުލަތަށް އިތުރު 372 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާންމު ކުރި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ހިސާބު ތަކުގައިވާ ގޮތުން، ޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ، ޖެނުއަރީން އެޕްރީލްގެ ނިޔަލަށް ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ލިބުނު އެއް ބިލިއަން ރުފިޔާ އަށްވުރެ 40 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާ އިން ހާމަ ކޮށްފައިވާ މައުލޫމަތަށް ބަލައި ހިސާބު ހެދުމުން، ކުރިން ނަގަމުން އަދި ރޭޓުން ޖީއެސްޓީ ނެގި ނަމަ، ހަތަރު މަސް ދުވަހުގެ ތެރޭގައި ލިބެނީ 1.1 ބިލިއަން ރުފިޔާ އެވެ. އިތުރު 372 މިލިއަން ރުފިޔާ ލިބިފައި ވަނީ ޖީއެސްޓީ ދެ ޕަސެންޓް (ދެ ރުފިޔާ) ބޮޑު ކުރުމުގެ ނަތީޖާ އިންނެވެ. މީރާ އަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީގެ 16 ޕަސެންޓް ހިއްސާ ކުރަނީ ޖީއެސްޓީ އެވެ.

މި އަހަރުން ފެށިގެން ޓީޖީއެސްޓީ ވެސް ވަނީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކޮށްފަ އެވެ. ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އަށްވުރެ 785 މިލިއަން ރުފިޔާ (26 ޕަސެންޓް) އިތުރު އަދަދެކެވެ.
ހިސާބު ތަކުން ދައްކާ ގޮތުގައި، ޓީޖީއެސްޓީ ހަތަރު ޕަސެންޓް އިތުރު ކުރުމުން، 957 މިލިއަން ރުފިޔާ އިތުރަށް ލިބިފައިވެ އެވެ. ކުރީގެ ރޭޓުން ޓީޖީއެސްޓީ ނެގި ނަމަ، ހިސާބު ތަކުން ދައްކާ ގޮތުގައި، ފުރަތަމަ ހަތަރު މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބޭނީ 2.9 ބިލިއަން ރުފިޔާ އެވެ. ޓީޖީއެސްޓީ ބޮޑު ނުކުރި ނަމަ، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހަށްވުރެ މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު، ޓީޖީއެސްޓީގެ ގޮތުގައި ލިބު އާމްދަނީ ދަށްވީހެވެ.
މީރާ އަށް ޖެނުއަރީން އެޕްރީލް މަހުގެ ނިޔަލަށް ލިބުނު އާމްދަނީގެ 42 ޕަސެންޓަކީ ޓީޖީއެސްޓީން ލިބުނު އާމްދަނީ އެވެ. މީރާ އަށް މިދިޔަ މަހުގެ ނިޔަލަށް ނުވަ ބިލިއަން ރުފިޔާ އާމްދަނީ ގެ ގޮތުގައި ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ލިބިފައިވަނީ 7.7 ބިލިއަން ރުފިޔާ އެވެ.













