މިދިޔަ އަހަރާ އަޅައި ބަލާއިރު ދައުލަތުގެ ޖުމްލަ ހަރަދު މި އަހަރު 28 ޕަސެންޓުން އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު އާއްމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ މިހައިތަނަށް ދައުލަތުން ޖުމްލަ 15.9 ބިލިޔަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތުން ހަރަދުވީ 12.4 ބިލިޔަން ރުފިޔާ އެވެ.
ފިނޭންސްގެ ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރާ އަޅައި ބަލާއިރު އެންމެ ބޮޑަށް އިތުުރުވީ ކެޕިޓަލް ހަރަދުތަކުގައި ހަރަދުކުރި ފައިިސާ އެވެ. ދައުލަތުގެ ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަކުރި ފައިސާ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 4.8 ބިލިޔަނުން އިތުރުވި އެވެ. ރިކަރެެންޓް ހަރަދަށް އިތުރުވީ މިދިޔަ އަހަރަށް ވުރެ 1.7 ބިލިޔަން ރުފިޔާ އެވެ.
ކެޕިޓަލް ހަރަދު އިތުރުވި ދާއިރާތަކުގެ ތެރެއިން އިންފްރާސްޓްރަކްޗާ އަށް އިތުރުވީ 1.8 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޮޑުބައެއް ހަރަދުވީ ބިމާއި އިމާރާތްތަކަށެވެ. ބިމާއި އިމާރާތްތަކަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 546.8 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރުގެ މިހައިތަނަށް 1.2 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ހިސާބުތަކުން ދައްކަ އެވެ. މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކަށް މިދިޔަ އަހަރު 486.4 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު 1.3 ބިލިޔަން ރުފިޔާ ހަރަދުކުރި އެވެ.
ދައުލަތުގެ ރިކަރެންޓް ހަރަދަށް މިއަހަރު އިތުރުވި ފައިސާއިން ބޮޑުބައެއް ހަރަދުކޮށްފައި ވަނީ އިދާރީ ހިންގުމަށެވެ. އެ ދާއިރާއަށް މިދިޔަ އަހަރަށް ވުރެ އިތުރަށް މިއަހަރު 1.3 ބިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ފިނޭންސްގެ ހިސާބުތަކުން ދައްކަ އެވެ. މުވައްޒަފުންގެ މުސާރައާއި 261.1 މިލިޔަން ރުފިޔާ އެވެ.

އާމްދަނީ ވެސް އިތުރުވި
ދައުލަތުގެ ހަރަދު މިއަހަރު ބޮޑުވި އިރު ދައުލަތުގެ އާމްދަނީ ވެސް މިއަހަރު ބޮޑުތަނުން އިތުުރުވި އެވެ. ފިނޭންސްގެ ހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ މިހައިތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅައި ބަލާއިރު އިތުރުވީ 1.9 ބިލިޔަން ރުފިޔާ އެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ މިއަހަރު 1.7 ބިލިޔަން ރުފިޔާ އިތުރެވެ. ޓެކްސް ފިޔަވާ އެހެން ގޮތް ގޮތުން ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ އިތުރުވީ 235.4 މިލިޔަން ރުފިޔާ އެވެ.













