ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ނިންމުންތަކުގެ އިސްތިއުނާފުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިންމާލައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ބައެއް ހެކި ބަލައިނުގަތުމަށާއި ދައުލަތުގެ ބައެއް ހެކިތައް ސިއްރުނުކޮށް ހާމަކޮށްދިނުމަށް އެދި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ. ނަމަވެސް, ޔާމީން އެދުނު ގޮތަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނުނިންމެވި އެވެ. އަދި ހައި ކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ދަމަހައްޓައިފަ އެވެ.
ޔާމީންގެ އިތުރުން މި މައްސަލާގައި ދައުވާކޮށްފައިވާ ކްރިކް ރިޒާ ވެސް ވަނީ ހެކިތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ކަނޑައަޅައި، އަދި ހައި ކޯޓުން ދަމަހައްޓާފައިވާ ނިންމުންތަކެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ތަހުގީގަށް ދިން ބަޔާނުގެ އޯޑިއޯ ރެކޯޑިން ދިފާއަށް ދިނުން ހިމެނެ އެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެ ދެ މައްސަލާގައި މިއަދު ދައުލަތާއި، ޔާމީންގެ ފަރާތުންނާއި، ކްރިކް ރިޒާގެ ފަރާތުން ވެސް ގާނޫނީ ގޮތުން ފާހަގަ ކުރަން ބޭނުންވާ ނުކުތާތައް ތަފްސީލްކޮށްދިނުމަށް ފުރުސަތު ދިނެވެ. އަދި, ދިފާއުގެ ހުށަހެޅުންތަކަށް ދައުލަތަށް ރައްދު ދިނުމާއި، ދައުލަތުގެ ނުކުތާކަކަށް ދިފާއުން ރައްދު ދިނުމަށް ވެސް ފުރުސަތު ދިނެވެ.
އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އެ މައްސަލާގައި ހުރިހާ ހަސްމަކަށް ވެސް އެކަށީގެންވާ ފުރުސަތު ދެވިފައިވާ ކަމަށް ދެކޭތީ ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ، ގާނޫނުގައި ކަނޑައެޅިފައި މި އޮންނަ މުއްދަތުގެ ތެރޭގައި، އަދި މި ހާލަތުގައި، އަންނަ ހޯމަ ދުވަހުގެ ކުރިއަށް ހުކުމް ކުރުމަށް،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ޝަރީއަތުގެ މަރުހަލާ ވަނީ ފަށައިފަ އެވެ. ޝަރީއަތް ފެށުމުގެ ގޮތުން ހުރިހާ ދައުވާތަކާ ގުޅޭ ގޮތުން އިފްތިތާހީ ބަޔާން ވެސް އިއްވާފައިވެ އެވެ. އިސްތިއުނާފުގެ މައްސަލަ ފެށިއިރު ހެކިބަސް ނެގުމަށް ވެސް އަޑުއެހުންތައް ތާވަލުކޮށްފައި އޮތެވެ. ނަމަވެސް, ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ދަށު ކޯޓުގެ ޝަރީއަތް މަޑުޖައްސައިލުމަށް މިހާރު ވަނީ އަންގައިފަ އެވެ.
މައްސަލައިގެ ފަސްފަހަތް؛
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.












