ވ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސާބިތު ކުރަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ އިސްތިއުނާފު މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތް މަޑުޖައްސާލަން އަންގަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ބައެއް ހެކި ބަލައިނުގަތުމަށާއި ދައުލަތުގެ ބައެއް ހެކިތައް ސިއްރުނުކޮށް ހާމަކޮށްދިނުމަށް އެދި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ. ނަމަވެސް ޔާމީން އެދުނު ގޮތަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނުނިންމެވި އެވެ. އަދި ހައި ކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ދަމަހައްޓައިފަ އެވެ.
ހައި ކޯޓުގެ ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް ކްރިމިނަލް ކޯޓުގެ ޝަރީއަތް ވަނީ ފަށައިފަ އެވެ. މައްސަލާގައި ދައުވާ ކޮށްފައިވާ ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓުން ވެސް ޝަރީއަތް ފެށުމުގެ ގޮތުން އިފްތިތާހީ ބަޔާން ވެސް އިއްވައިފަ އެވެ.
މާދަމާ ހެނދުނު 9:00 ޖަހާއިރަށް ހެކިބަސް ނެގުމަށް އަޑުއެހުމެއް ވެސް ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމަށް ނިންމާފައިވަނިކޮށް މިއަދު ފެށި އިސްތިއުނާފް މައްސަލައިގެ އަޑުއެހުމުގައި ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ވެސް ވަނީ ޝަރީއަތް މަޑުޖައްސައިލުމުގެ އަމުރަކަށް އެދިފަ އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ އަންނަ ހަފުތާގެ ހޯމަ ދުވަހަށް ހުކުމް އިއްވަން ޖެހޭ އެ މައްސަލަ ނިމެންދެން ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލަން އެންގެވުމަށެވެ. މިއަދުގެ ވަގުތެއްގައި ލިޔުމުން ކްރިމިނަލް ކޯޓަށް އެކަން އަންގަވާނެ ކަމަށް، ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީނާއި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
މައްސަލައިގެ ފަސްފަހަތް
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.












