ވާހަކަ: މިލިއުޅެމުން

ވާހަކަ: މިލިއުޅެމުން

އިންސާނުންނަކީ ލިބިފައިވާ ކުޑަކުޑަ ބާރެއްގެ ސަބަބުން ބޮޑާވެރިކަންމަތީގައި އުޅޭ ބަޔެކެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަހަރެންނެވެ. އެކަން ޔަގީންކުރަން އަހަރެން ކޮށްލީ އެންމެ ހަރަކާތެވެ. ހަރަކާތެއް ވެސް ނޫނެވެ. ހަމައެކަނި ހިނިތުންވެލައިގެން އެމީހުންނާ ބައްދަލުކޮށްލީއެވެ. އެއްވެސް އުނދަގުލެއް ތުރާލެއް ނުކޮށެވެ. ޖެއްސުމެއް ޝަކުވާއެއް ނުކޮށެވެ. ނަމަވެސް، ބޯޖެހިތާ ނަގޫ ޖަހައިފަ އޭނާ ވެސް ދުވެފިލީއެވެ.

މިދައްކަނީ ވަސީމާއި އަޙުމަދާއި ވަހީދުގެ ވާހަކައެވެ. އެ ތިން މީހުންގެ މަޖިލީހުގައި ހަތަރުވަނަ މީހަކަށް ހުރީ އަހަރެންނެވެ. ހުރިހާ ކަމެއް ރާވާ ނިންމައިލިއިރު އެ ހުރިހާ ވާހަކައެއް އަޑުއަހަން އަހަރެން ހުރީމެވެ. އެމީހުންގެ މީހެއްގެ ގޮތުގައެވެ. އަހަރެންގެ ޒިންމާއަކަށް އޮތީ އާނ ހޫނ ކިޔުމެވެ. ބޯޖަހައިލުމެވެ. ބައެއް ފަހަރު ބޯހޫރައިލުމެވެ. ހުރިހާ ވާހަކައެއް ދެއްކީ ވަސީމެވެ. އެއީ ދެން މާ ކެރޭ މީހެކެވެ. ބިރުކުޑަ އަލީއެވެ. އޭނާގެ ނަމަކީ ވެސް އަލީ ވަސީމެވެ. އެމީހުން ކިޔަނީ ވަސީމެވެ.

މި ދައްކަނީ ރަށްފުށުގެ ދިރިއުޅުމުގެ ހިތްގައިމު ދުވަސްވަރުގެ ވާހަކައެވެ. ތަރައްޤީއާއި ތަހުޒީބުގެ ކުލަވަރު ފަނޑު ޒަމާނެއްގެ ވާހަކައެވެ. ނަވާރަ ސަތޭކައިގެ ބަނޑުން ފަންސަޔާނަވާ ގުނި އަހަރެއްގެ ވާހަކައެވެ. ޒުވާންކަމަށް ކާންދޭންފެށި ނޫކަށި ތިން ޒުވާނުންގެ ވާހަކައެވެ. އަހަންނަކީ އެއް އިރެއްގައި ވެސް އެމީހުންގެ މީހެއް ނޫނެވެ. ނަމަވެސް، މިއަދު ކުއްލިއަކަށް އެމީހުންނާއެކު އުޅޭލާ ހިތްވީއެވެ. އެމީހުންގެ މީހަކަށް ވާން ބޭނުންވީއެވެ. ވަސީމަކީ ހުއްދަނެތި އަހަރެމެންގެ ގެދޮރަށް ވަދެ ނުކުމެ އުޅޭ މީހަކަށްވާތީ އަހަރެންގެ ދުރުމީގައި އޭނާގެ ސޫރަ ހަރުލައިފައި ހުންނާތީއެވެ.

Advertisement

"ރަށު އޮފީހުން މިއަދު އިޢުލާނެއް ކޮށްފިއޭ. އެ މީހެއްގެ މުދަލެއް، އެމީހެއްގެ އެއްޗެއް ވިއްޔާ ރަޖިސްޓްރީކުރަން،" ވަސީމު އަޑަށް ބާރު ލުމަށްފަހު ބުނެލިއެވެ. "އެނޫން ހުރިހާ އެއްޗަކީ ރައްޔިތުންގެ އެއްޗެއްސޯ."

ވަސީމު ދައްކަމުން ދިޔައީ ކޮން ވާހަކައެއް ކަމެއް އެކަކަށް ވެސް ފަހުމެއް ނުވެއެވެ. އޭނާ މައުޟޫއު ހުޅުވާލީ ދުރުދުރުންނެވެ. ފުން މާނައެއް ހިމަނައިގެންނެވެ.

"ދެން ކޮބާ މައްސަލައަކީ؟" ވަހީދުގެ ރަސްމީ ރާގުގައި ބުނެލިއެވެ.

ވަހީދަކީ ދޭހަވުމުގައި ލަސްގޮތެއް ހުންނަ މީހެކެވެ. އެއީ ޖެހިލުންވާ ޒާތުގެ ނެގި މަޑު ވެސް މީހެކެވެ. ބިރުގަނެ ފަހަތު ފަޔަށް ބުރަވާ މީހެކެވެ. ނަމަވެސް، ވަސީމާއެކު އުޅެން ފެށިފަހުން އެކަން ވެސް އަސުރުން އޮބައިދާން ވެއްޖެއެވެ.

"މި ބުނީ، ރަޖިސްޓްރީ ނުކުރާ ކޮންމެ އެއްޗަކީ އެންމެންގެ އެއްޗަކަށްވީއޭ. އެ ހުރިހާ އެއްޗެއް އަހަރުމެންގެ އެއްޗެއްސަށްވީއޭ." ވަސީމު އަނގަޔާ އެއްވަރަށް އަތްފައި ފުޅާކޮށްލައިފަ ބުނެލިއެވެ.

ވަސީމާ އެއްބައިވެލަމުން އަޙުމަދު ބޯޖަހައިލިއެވެ. އަހަންނަށް ވެސް ބޯޖަހައިލެވުނެވެ. ހަގީގަތުގައި ވެސް ވަސީމު އެ ބުނީ ތެދެކެވެ. ރަށު އޮފީހުން އެކަން އާއްމުކޮށް އެންގުމާއެކު އެކަން އެގޮތަށް ބަދަލުވީއެވެ. ރަށު އޮފީހަކީ މިހާރު ގޮތުންނަމަ ރަށު ކައުންސިލްގެ އިދާރާއެވެ. އެތަނުގައި ހުންނަވާ އިސްވެރިޔަކީ ކަތީބެވެ. ނުވަތަ ބޮޑުކަތީބެވެ. އެއީ ދައުލަތުން އައްޔަންކުރާ މީހެކެވެ. ރަށުގެ ކަންކަމުގައި އަމުރުމައުރޫފު ހިންގާނީ ކަތީބެވެ. އެއީ އެ ޒަމާނަށް ފަހި ނިޒާމެކެވެ.

"ދެން؟" ވަހީދު ނިތަށް ރުލެއް އަރުވާލިއެވެ.

ދެން ކަންތައް ކުރާންވީ ގޮތުގެ ޚިޔާލާއި މަޝްވަރާގެ ސައްލާ މަޖިލީސް ފެށުނެވެ. އިސްވެ ޚިޔާލު ފާޅުކުރީ ވަސީމެވެ. ގިއްޗެއް ވައްޓައިލަނީ އަހުމަދެވެ. ވަހީދު އިނީ ސުވާލުކުރާ މީހެއްގެ ގޮނޑީގައެވެ. އަހަރެން އިނީ އަޑުއަހާ މީހުންގެ ގޮނޑީގައެވެ. ސައްލާތަކަށްފަހު ގޮތެއް ނިންމިއެވެ. އެއީ ރަމަޟާންމަހެއްގެ ފަހު ދުވަހެވެ. އިރުސެމުން ދިޔައީ ޢީދުވިލޭރެއަށެވެ.

ދަންވަރު ބާރަ ޖެހިއިރަށް އެންމެން އެކުގައި ވަލާ ދިމާއަށް މިސްރާބު ޖެހިއެވެ. އޮޑިދޯނިފަހަރުގައި ގެންގުޅޭ ޒާތުގެ އިސްކޮޅުން ދިގު، ހައިބަވަންތަ ޓޯޗު ބައްތިތައް އަތަށް ހެޔޮކޮށްލައިގެންނެވެ. ހަނޑޫ ހުސްކުރި އުއި ގޯނި އޮތީ ވަސީމުގެ އަތުގައެވެ. އަހްމަދު އަތުގައި އޮތީ އޮނެކެވެ. އެ އޮނުގައި ވިއްސަކަށް ފޫޓު ހުންނާނެއެވެ. އޭގެ ކުރީގައި ވަނީ ކަންވާރު މަޅިއެކެވެ.

"ވަސީމަކީ މާސްޓަރެކޭ ދޯ. މީ ބިރުކުޑަ ވެސް ސޮރެއް." ވަހީދު ސިއްރުން ބުނި ވާހަކަ އަހަންނަށް އިވުނެވެ. "މި ސޮރު ވަރަށް ކުޅަދާނަ. މިހާރު ގޯނީގެ މެދާ ހަމައަށް އަރަނީ ވިއްޔަ."

ވަހީދު ހުރީ ބިރުން ރޫރޫއަޅައަޅައެވެ. އަހުމަދު ވެސް ހުރީ އެ ހާލުގައެވެ. ކަނު އަނދިރީގެ ތެރޭގައި، ޖަންގަލީގައި އެމީހުން ކުރަމުން އެދަނީ އައު ތަޖުރިބާއެކެވެ. ވަސީމު ފިޔަވައެވެ. އެމީހުންނާ އެކު އަލަށް ބައިވެރިވި މީހުންގެ ތެރޭގައި އަހަރެން ހިމެނޭނެއެވެ. އަހަރެން އުޅުނީ ވަހީދާއެކުގައެވެ. އޭނާ މާ ބިރުން ހުންނާތީއެވެ. ކުރިއަށް ދާންވީ މަގު ދައްކައިދޭ މީހެއް ގޮތުގައެވެ. މަގުބެދޭ ކޮންމެ ފަހަރަކު އޭނާއަށް މަގު ކޮށައިދެމުން ދިޔައީ ވެސް އަހަންނެވެ. އެކަން އޭނާއަށް އެނގޭ ނަމަ ޝުކުރުގެ ޖިޒީތަކުން ވެދުން ކުރާނެކަން ޔަގީންވެއެވެ.

"ކަލޭ ހާދަ ބިރެކޭ ދޯ ތި ގަންނަނީ؟ މި ވައްކަމެއް ނޫނޭ،" ވަސީމު ހިތްހަމަ ނުޖެހުމުގެ ރާގެއްގައި ވަހީދާ ދިމާއަށް ބުނެލިއެވެ. "ކަލޭއަކަށް ކަމެއް ކުރާނެ އެއްޗެއް ނާންނާނެ. ކަލޭތީ ނުލާހިކު ސާލިކު އަޅުވެރިއެކެއްނު."

ވަސީމު އެބުނީ ތެދެކެވެ. ނަމަވެސް، އޭނާ ވަހީދާ ދިމާކޮށްލީ އެއްވެސް ކަމެއް ވެގެންނެއް ނޫނެވެ. ހަމައެކަނި އޭނާއަކީ ބަރާބަރަށް ނަމާދުކުރާ މީހަކަށްވާތީ ދޭތެރެދޭތެރެއިން ވަސީމު އޭނާއާ ދިމާކޮށްލާނެއެވެ. އެކަން ވަހީދަށް ބޮޑުކަމަށް ނުވެއެވެ. ނަމަވެސް، އެއީ އަހަންނަށް ވަރަށް އުނދަގޫވާ ކަމެކެވެ. އެހެންވެ އެމީހުންނާ ފެއަށް ޖެހިލީމެވެ.

ދޭތެރެއަކުން ކުކުޅުހާ ހޭރި ގަންނަ އަޑު އިވެއެވެ. ގުންފައި ޖަހައިފަ ބަޔަކު ދުއްވާގަންނަ އަޑު އިވޭނެއެވެ. އެއާއެކު މާނޭވާލާ އަޑު ވެސް އިވެއެވެ. ކަނު އަނދިރީގެ ތެރޭގައި މާސިންގާ ޖަންގަލީގެ މެދުގައި އެމީހުން އެ ޖަހާ ސަކަރާތް ބަލަން އަހަރެން އިނީމެވެ. މިދިލި ގަހެއްގެ ގޮފިގަނޑެއްގައި އިށީނދެލައިގެންނެވެ. ދޭތެރެއަކުން ޓޯޗު ބައްދީގެ އަލިދަނޑި އަހަރެންގެ މޫނަށް ވެސް އެޅެއެވެ. ނަމަވެސް އެއިން މީހަކަށް އަހަރެން ވަކިކުރާކަށް ނޭނގެއެވެ. އަލި އެޅޭއިރަށް އަހަރެން އެއް ފަރާތްވެލާތީއެވެ. އަލިކަމާއި އަނދިރިކަމގެ ތެރެއަށް ފޭދިގަންނާތީއެވެ.

"ކަލޭ ކަންތަކޭ! މާ ބިރުން އުޅެންޏާ ވާނީ މިހެން. ތަދު ވެސް ވެއްޖެ. އަތް ވެސް މަށައިގެން ގޮއްސި." ވަސީމު ހިތްހަމަ ނުޖެހިގެން ވަހީދާ ދިމާއަށް ހަޅޭއްލަވާގަތެވެ.

އަހަންނަށް އެ އަޑު އަހަން ފަސޭހައެއް ނުވިއެވެ. ނަމަވެސް ކަނިބުރަމުންދިޔަ ދިމާއަށް ދަރުއަޅަން ބޭނުން ނުވީއެވެ. އެކަމަކު ވަސީމަށް ލަނޑެއް ދޭނަމޭ ހިތަށް އެރިއެވެ. ހިތުން ދެތިން ކަމެއް ރާވައިލީމެވެ. އެއްގޮތް ކާމިޔާބު ނުވެއްޖެ ނަމަ އަނެއް ގޮތެވެ.

ރޯވި އަލިފާންގަނޑު ނިވުނެވެ. އެއީ އެވެރިންގެ މޮޅުކަމެވެ. އަނެއްކާ ވެސް އެ މީހުންގެ މަސައްކަތާއެކު ކުރިއަށް ދިޔައެވެ. މިފަހަރު ވެސް އިސްވާރަކަށް ހުރީ ވަސީމެވެ. މަގުދައްކާ އާރުކާޓީއަކީ ވެސް އޭނާއެވެ. ގޯނި އޮތީ އަހުމަދުގެ ކޮނޑުގައެވެ. ހިސާބަކަށް ބަރުކަމަށް ފާހަގަވެއެވެ. ވަހީދު ހުރީ ސަފުގެ އެންމެ ފަހަތުގައެވެ. އެމީހުން މިސްރާބު ހުރީ ބޮޑު މިދިލި ގަހާ ދިމާއަށެވެ. އެމީހުންގެ ފަހަތުން ހިނގަމުން ދިޔައީމެވެ. ވަކި ހިސާބަކަށް ދެވުމުން ޚިޔާލު ބަދަލުވިއެވެ. އެމީހުންނަށް ދެވެނީ ގޯސް މަގަކުން ކަމަށްވާތީއެވެ.

އަހަރެން ބޭނުންވީ މަގު ދައްކައިދޭށެވެ. ކަށިކެޔޮ ވަލުގެ މެދުގައި ތިބި އެކުވެރިންނަށް ދާންވީ މަގު ދައްކައިދޭން ބޭނުންވިއެވެ. ވަސީމާއެކު އޭނާގެ އެއް އަރިމަތިން ދިޔައީމެވެ. ކަށިކެޔޮ ވަތްތައް އެއްފަރާތްކޮށްދެމުން އަތުން މަގުދައްކައިދެމުންނެވެ. ކުއްލިއަކަށް ވަހީދުގެ ފައިގައި އެއްޗެއް އަޅައިގަތެވެ. އޭނާ ބަނޑުވަތަށް ވެއްޓުނެވެ. އެއާއެކު ތިން މީހުންނަށް ބަލައިލިއެވެ. އަހުމަދަށް ވެސް އަލިކޮށްލެވުނީ ވަހީދާ ދިމާއަށެވެ. ވަސީމު ޗުސްޖަހައިލިއެވެ. ދެފަރާތަށް ބޯ ހޫރައިލިއެވެ. ނުރުހުމުގެ ރާގެއްގައެވެ. އަހުމަދާއެކު ވަހީދަށް އެހީވުމުގެ ބަދަލުގައި އޭނާ އުޅުނީ ކުރިއަށްދާށެވެ. ވަސީމު އެނބުރިލިއެވެ. އަލިކޮށްލިއެވެ. އަލި އެޅުނީ ސީދާ އަހަރެންގެ މޫނަށެވެ. ހިތްހަމަ ނުޖެހިފައި ހުރިވަރުން އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ވަސީމަށް ބަލައިލެވުނެވެ. އެއާއެކު އަހަރުމެންގެ ހަތަރު ކަޅި ހަމަވިއެވެ.

ވަސީމަށް ހަމަ ރަނގަޅަށް ވެސް އަހަރެން ފެނުނެވެ. އިރުކޮޅަކަށް އޭނާ ހުއްޓުން އެރިއެވެ. ގަނޑުވިއެވެ. ގުޑިލަން ވެސް ނޭނގިފައި ހުއްޓެވެ. އަހަންނަށް އެ މަންޒަރު ފެނުނެވެ. އޭނާއަށް ވެދާނެ ގޮތެއް ހިތަށް އެރުމާއެކު އަވަހަށް ތިރިވެލީމެވެ. އަލިކަމުގެ ތެރެއަށް ފޭދިގަތީމެވެ.

ވަސީމު މިސްރާބު ޖެހީ ބޭރުމަގަށެވެ. އަނގައިން ވެސް ނުބުނެއެވެ. ފަހަތުން އަހުމަދާއި ވަހީދު ދިޔައެވެ. ދެ ފިޔަވަޅު އެއްކުރަމުން ވަސީމު ބޭރު މަގަށް ނުކުތެވެ. އަހުމަދުގެ ސުވާލަކަށް ޖަވާބެއް ވެސް ނުދެއެވެ.

"ނިމުނީ." ބަރު އަޑަކުން ވަސީމު ބުނީ އެހެންނެވެ.

އޭނާ ދުއްވާގަތީ ގެއާދިމާއަށެވެ. ގޯނީގައި ހުރި ހުރިހާ ޝިކާރައަކަށް ހަދާނެ ގޮތެއް ނޭނގިފައި އަހުމަދާއި ވަހީދު ތިއްބެވެ. ގަނޑުވެފައެވެ. ވަސީމަށް އައި ކުއްލި ބަދަލާއެކުގައެވެ. ދެމީހުން ލަސްހިނގުމެއްގައި ގެއަށް ދިޔައެވެ. ދިޔަ މަގުމަތީ ވާހަކައެއް ނުދައްކައެވެ. ބަހެއް ނުކިޔައެވެ. ވަހީދުގެ ބޮލަށް ޚިޔާލެއް ލައިދިނީ ވެސް އަހަރެންނެވެ. ހަގީގަތުގައި އޭނާ ފާޅުކުރީ އަހަރެންގެ ޝުއޫރެވެ.

"ހިނގާ މި ދޮންތައާ ހަވާލުކޮށްފަ އަހަރުމެން ފެންވަރަށް. ނިންމައިފަ ވަސީމަށް ގުޅާނީ. ޚަބަރެއް ނުވެއްޖެނަމަ ބަލައިދާނީ. ޢީދު ނަމާދަށް ދާން ހޭލަން ވެސް ޖެހޭނެ."

އެ ޚިޔާލަށް އަހުމަދު އެއްބަސްވިއެވެ. ވަސީމަށް ގުޅައިގުޅައި ޚަބަރެއް ނުވިއެވެ. އޭނާ ގޭ ދޮށަށް ގޮސް ކޮޓަރީގައި ތަޅައިތަޅައި ވެސް ޚަބަރެއް ނުވިއެވެ. ޢީދު ދުވަސް ވެސް ނިމިގެން ދިޔައީއެވެ. ވަސީމުގެ ޚަބަރެއް ނުވާތީ ދެ އެކުވެރިން އެ ވާހަކަދެއްކިއެވެ. ގޭދޮށަށް ވެސް ދިޔައެވެ. އާއިލާ މީހުންނާ ވެސް ވާހަކަ ދެއްކިއެވެ. އެމީހުންނަށް ވެސް އޭނާއަށް ވީގޮތެއް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ ކޮޓަރިން ބޭރަށް، ގެއިން ބޭރަށް ނުދާކަމެވެ. އަބަދު ނިދާ މަރުވެފައި އޮންނަކެމެވެ. މީހަކު ގޮވައިލިޔަސް ރުޅި ގަދަވާކަމެވެ. ބަނޑުހައިވީމަ ދަންވަރަށް ވަދެ ކައި ކަމެވެ.

އަހަންނަށް އެކަން އެނގެއެވެ. އޭނާއަށްވީ ކީއްކަމެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަން އަންގާކަށް ބޭނުމެއް ނޫނެވެ. އިތުރަށް ކަމެއް ގޯސްވެދާނެހެން ހީވުމުން އަހަރެން ނިންމީ ވަސީމާ ބައްދަލުކުރާން ދާށެވެ. އޭނާއަށް ދިމާވި ކަންތަކަށް ހައްލެއް ހޯދައިދޭން ދާށެވެ.

"އޭ ދައްކާލައިފި. ކަލޭ ކޮންތާކަށްތަ ވަނީ؟ ކީއްތަ ކުރީ؟ ތިން ދުވަސްވީ ޚަބަރެއް ނުވާތާ!" ވަސީމު ފެނުމުން އަހުމަދު ދިމާކޮށްލިއެވެ.

ކަންވީ ގޮތް ވަސީމު ކިޔައިދިނެވެ. އޭނާ އަހަރެންގެ މޫނަށް އަލިކޮށްލި ވަގުތު އަހަންނާ ހަތަރުކަޅި ހަމަވި ވާހަކަ ބުނެދިނެވެ. ގެއަށް ވަންއިރަށް އަނގަ ބަންދުވެ، ދޫ ނުވީއްލި އޮތް ވާހަކައާއި ނިދަން ބޭނުންވި ވާހަކައެވެ. ތިން ދުވަސްވަންދެން އޭނާ ނިދީ ނޫންކަމެވެ. ލޯމަރައިގެން އޮންނަން މަޖުބޫރުވީކަމެވެ. މީހުންނާ ވާހަކަދައްކަން އުނދަގޫވިކަމެވެ. މީހަކު އަޑު ޖެހުނަސް ހަޅޭއްލެވޭކަމެވެ. އަލިކަމުގެ ތެރެއަށް ނުކުންނަ އިރަށް ލޮލަށް އުނދަގޫ ގޮތެއް ވާކަމެވެ. ބޮލުގައި ރިއްސާކަމެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް މީހަކަށް ބުނެދޭން ނޭނގޭކަމެވެ.

"މަށަށް ހީވަނީ ޖިންނިއެއްގެ ކަމެއްހެން. ދެން ނުވާނެ މިކަހަލަ ކަންތައް ކުރާންދާކަށް. މަ އޭރު ވެސް ބުނިންދޯ." ވަހީދު ބިރުން އިނދެ ބުނެލިއެވެ.

"އާނ! ވައްސަލާމް! ދަންވަރު ކުކުޅު ހިފަން ދިޔުން ނިމުނީ. މިހާރު ބިރު ގަނެއްޖެ." ވަސީމު ގޮތް ނިންމިއެވެ.

އަހަރެންގެ މަގުޞަދު ހާސިލުވިއެވެ. މާ ފުއްޕައިލައިފަ ބިރުކުޑަކަމަށް ހެދިގެން އުޅުނު ވަސީމަށް ވިސްނައިދިނުމެވެ. އިންސާނުންނަކީ އެއްވެސް ބާރެއް ނެތް ބައެއް ކަން އަންގައިދިނުމެވެ. ދަންވަރުގެ ވަގުތަކީ އަހަރުމެންގެ ވަގުތުކަން ވިސްނައިދިނުމެވެ. އަހަރުމެންގެ ގޮވައްޗަށް ވަދެ އުޅޭނަމަ އަހަރުމެންނަށް އުނދަގޫވާނެ ކަން އެމީހުންނަށް ބުނެދިނުމެވެ. އެކަން އަހަންނަށް ކާމިޔާބު ވެއްޖެއެވެ. އިންސާނުންނަކީ ބާރުވެރި ބައެއް ނޫންކަން އެމީހުންނަށް ވިސްނައިދެވިއްޖެއެވެ. އަހަރުމެން އެންމެ ހަރަކާތަކުން އެމީހުންގެ ވިސްނުން ބަދަލުކޮށްލެވޭކަން ދަސްވެއްޖެއެވެ. އިންސީންނާއެކު މިލިއުޅެމުން އެމީހުންގެ ވާހަކަތައް އަޑުއަހަމުންނެވެ.

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox