ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ފެށުމަށް ޓަކައި އިއްވަން ޖެހޭ އިފްތިތާހީ ބަޔާން އިއްވުމަށް މީގެ ކުރިން ބޭއްވި ދެ އަޑުއެހުމެއްގައި އިންކާރު ކުރެއްވުމަށް ފަހު، މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އެ ބަޔާން އިއްވަވައިފި އެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީނާއި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އިފްތިތާހީ ބަޔާން އިއްވަވަމުން ދިފާއުގައި ފާހަގަ ކުރެއްވީ ދައުލަތުން ތުހުމަތު ކުރާ ފައިސާގެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ.
އެއީ ޔާމީންއާ ގާތް ގުޅުމެއް އޮންނަ ސަން ކުންފުނިތަކުގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން ގަތް 1.1 މިލިއަން ޑޮލަރު ކަމަށް ޖަމީލު މިއަދު ވިދާޅުވި އެވެ.

ދައުލަތުގެ ބައެއް ކިތާބީ ހެކިތަކަށް ހަވާލާދީ، އެ ހެކިތަކުން ވެސް ސާފުވެގެންދާ ކަމަކީ ޔާމީން ރިޝްވަތު ހިފުމާއި އެ ފައިސާ ލޯންޑަކުރެއްވުމުގެ އެއްވެސް އަމަލެއް ހިންގާފައި ނެތް ކަން ކަމަށް ޖަމީލު ވިދާޅުވި އެވެ.
އެ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށް ކުއްޔަށް ދޫކުރުމުގައި އެ ރަށުގެ އެކުއިޒިޝަން ކޮސްޓް ކަނޑަައަޅާ ގޮތުގެ ގަވާއިދުގައި ބަޔާންކުރާ ފޯމިއުލާއިން ފުއްގިރީގެ އަގު ގޮތުގައި އޮތީ ގާތްގަނޑަކަށް 1.1 މިލިއަން ޑޮލަރެވެ.
ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް އެ ރަށް ދިނީ 1.55 މިލިއަން ޑޮލަރަށެވެ. އެއީ ގަވާއިދުގައި ހިމެނޭ ފޯމިއުލާއިން ރަށަށް ކަނޑައެޅިފައިވާ އަގަށްވުރެ ވެސް ގާތްގަނޑަކަށް ފަސް ލައްކަ ޑޮލަރު އިތުރު އަގެއް ކަން ޖަމީލު ފާހަގަ ކުރެއްވި އެވެ.
"އުސޫލުގައި ހިމެނޭ އަގަށް ވުރެ ބޮޑުކޮށް 1.55 މިލިއަން ޑޮލަރަށް ރަށް ގަނެފައި އަދި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ދީފައި، 2.6 މިލިއަން ޑޮލަރު ހޭދަކުރުމަކީ، ހަމަ ބުއްދީން ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން،" ޖަމީލު ވިދާޅުވި އެވެ.
ހެކިބަސް ނެގުމުގެ ކުރިއަށް ދިފާއުން އިއުތިރާޒެއް ހުށަހަޅަނީ؛
އިފްތިތާހީ ބަޔާން އިއްވުމަށް ފަހު، ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު އަބްދުﷲ ސިޔާޒު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 145 ވަނަ މާއްދާގެ (ރ) ގެ ދަށުން ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމުގެ އިއުތިރާޒެއް ހުށަހަޅަން އެދިވަޑައިގަތެވެ.
މާދަމާ ހެނދުނު 10:00 ގެ ކުރިން އެ އިއުތިރާޒު ލިޔުމުން ހުށަހެޅުއްވުމަށް ގާޒީ އެންގެވި އެވެ.
އަދި އަންނަ އާދީއްތަ ދުވަހު ހެނދުނު 9:30 ގައި ހެކިބަސް ނަގަން ފަށަން ތާވަލުކުރާން ވެސް ގާޒީ ނިންމެވި އެވެ. އެ ދުވަހު ހާޒިރުކުރާ ހެކިންގެ ތެރޭގައި، ސިޔާމާއި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވެސް ހިމެނެ އެވެ.
ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމުގެ އިއުތިރާޒެއް ހުށަހެޅުއްވުމަށް ދިފާއުން މިއަދު އެދިވަޑައިގަތްއިރު، ހެކިތަކެއް ބަލައިނުގަތުމަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް ހެކިތައް ބަލައިގަންނަން ގާޒީ ނިންމެވުމުން، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. ހައި ކޯޓުން ވެސް އެ ނިންމުން ދެމެހެއްޓުމުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
މީގެ ކުރިން ޝަރީއަތް ފަށަން ވެސް ޔާމީންގެ ފަރާތުން އިއުތިރާޒު ކުރި ސަބަބަކީ ދައުލަތުގެ ހެކިތަކެއް ބަލައިނުގަތުމަށް އެދި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އަދި ނުފަށާތީ އެވެ. ޔާމީން އެދިވަޑައިގަތީ، ސުޕްރީމް ކޯޓުން އެ ކަމުގައި ގޮތެއް ކަނޑައެޅުމުން ޝަރީއަތް ފެށުމަށެވެ. މިދިޔަ ދެ ފަހަރު އިފްތިތާހީ ބަޔާނަށް ތައްޔާރުނުވެވޭ ކަމަށް ބުނެ ބަޔާން އިއްވަން ދެކޮޅު ހަދަމުން އެކަން ފާހަގަ ކުރި އެވެ.
ކްރިކް ރިޒާ އަދި ސަންގެ ދެ ކުންފުނީގެ ފަރާތުން ވެސް ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ މެދު ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވެ އެވެ.
މައްސަލައިގެ ފަސްފަހަތް؛
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.












