ފުލުހުންނާއި ސިފައިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމާއެކު، ބްލޫ ހައުސިން ސްކީމުގެ ދަށުން ހަދާ ފްލެޓްތަކުގެ އަގަށް ލުއިކަމެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ ޖަލްސާގައި ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައި ދިނުން ކަމަށެވެ.
އެގޮތުން, ތައުލީމީ އަދި މަތީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މިހާރު ބޮޑުކޮށްފައިވާއިރު އަންނަ މަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ. އަދި, ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލު މާދަމާ ހެލްތް މިނިސްޓްރީ އަދި ޕޭ ކޮމިޝަނުން މާދަމާ ހާމަކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މޭރުމުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޕޭ ހާމަނައިޒޭޝަނުގެ މަސައްކަތުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، ޕޭ ކޮމިޝަނުން އެކަމުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.
ޕޭ ހާމަނައިޒޭޝަނުގެ މަސައްކަތް ނިމޭއިރު ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާންމު ރައްޔިތުންގެ ދެން އޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި، ފުލުހުންނާއި ސިފައިންނަށް ވެސް އެ ދަތިކަށް އެބަ އޮތް ކަމަށެވެ.
ހާއްސަކޮށް ރަށުން ބޭރުގައި ވަޒީފާ އަދާކުރަންޖެހިފައިވާ ފުލުހުންނަށް އެ ދަތިކަމުގެ އިހުސާސް ވަކިން ބޮޑަށް ކުރެވޭނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ އަގު ކުޑަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
"ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ "ބްލޫ ހައުސިން ސްކީމް"ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ހަވާލުކުރާއިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މިއަންނަނީ މަސައްކަތްތަކެއް ކުރަމުން." ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ، ފުލުހުންގެ ހިދުމަތް ޒަމާނީކޮށް ކުރިއެރުވުމަށް ގެންނަން ޖެހޭ ގިނަ ބަދަލުތައް ހުރިކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، ފުލުހުންގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ފުލުހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.












