އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން ގެ ފަރާތުން ރާއްޖޭގައި ހުންނަވާ ޑިރެކްޓަރް އޮފް ސައިންސް ޑރ. މުހައްމަދު އަހުމަދު ޝިހާމް ސޯޝަލް މީޑިއާ ޓްވިޓާ އަށް ދޫކޮށްލެެއްވި ފޮޓޯތަކުން ފެންނަނީ ގޮނޑުދޮށަށް ޖަމާވެފައިވާ ޅަ ކަކުނި ތަކެކެވެ. ޅަކަމުން ކޮން ބާވަތެއް ކަން ވެސް ނޭނގޭހާ އެ ޅަ ކަކުނިތަކުގެ އަދަދު އެތައް މިލިޔަނަކަށް އަރާނެ ކަމަށް އޭނާއާ ފޮޓޯ ހިއްސާކުރެއްވި މެރިން ބަޔޮލޮޖިސްޓް އަބްދުލް އަޒީޒު އަބްދުލް ހަކީމް (އެންޑީ އަޒީ) ލަފާކުރައްވަ އެވެ.
އަޒީއާ ހަވާލާދެއްވައި ޝިހާމް ވިދާޅުވި ގޮތުގައި އެއީ ރޭ މާލެ އަތޮޅު ވައްބިންފަރަށް ލެއްގި ކަކުނި ތަކެކެވެ. އޭނާގެ ޓްވީޓަށް ޖަވާބު ދިން އެހެން މީހަކު ބުނި ގޮތުގައި ހަމަ އެފަދަ ކަކުނިތަކެއް، މާލޭގެ ޓްރެކް ސަރަހައްދުގެ ފަޅުތެރެއަށް ވެސް ޖަމާވި އެވެ.
އަޒީއާއި ޝިހާމް ވެސް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ އާދަޔާ ހިލާފު ކަމެކެވެ. އެ ދެބޭފުޅުންނަށް ވެސް ރާއްޖެއިން މިފަދަ ކަމެއް މީގެ ކުރިން ފެނިވަޑައިގެންފައެއް ނުވެ އެވެ.
އެހެން ނަމަވެސް ޑރ. ޝިހާމް "އަދަދު" އަށް ވިދާޅުވި ގޮތުގައި މިއީ ވަރަށް މަދުުން ނޫނީ ނުހިނގާ ކަހަލަ ކަމެކެވެ.
"ވެރީ އަންޔޫޒުއަލް އިވެންޓެއް މިއީ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާއަށް އެންމެ ބޮޑަށް ލަފާކުރެއްވޭ ގޮތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިދުވަސްވަރު ވަޔާއި އޮއި މަޑުވީމާ، ޅަކަކުނިތައް ވިއްސިވިހާލިނުވެ، އެއްތަނަކަށް ޖަމާވުމެވެ.
ކަނޑުގެ އެހެން ދިރުމެއް، އެކަކުނިތައް ކައިނުލީ ކީއްވެތޯ އުފެދޭ ސުވާލަށް ޝިހާމް ވިދާޅުވި ގޮތުގައި ޖަވާބު އެބަ އޮތެވެ. އެއީ ރާއްޖޭގެ ސަރަހައްދުގައި މި ދުވަސްވަރު ކާނާ ގިނަކަމެވެ.
"ފަހަރެއްގައި ވެދާނެ ކަނޑުގައި މާ ކާނާ ގިނައީ ކަމަށް. މަސްވެރިކަން ވަރަށް ރަނގަޅު ދުވަސްކޮޅެއް އިނގޭތޯ،" ޝިހާމް ވިދާޅުވި އެވެ.
ވައްބިންފަރަށް ލެއްގި ހުރިހާ ކަކުންޏެއް މަރުވީކަމެއް ނުވަތަ އޭގެ ތެރެއިން ބައެއް ސަލާމަތްވީކަމެއް ވެސް އަދި ނޭނގެ އެވެ.












