އާ މަތިންދާބޯޓްތައް ގަނެގެން ގެންނަ ތަން ފެނުނަސް ގައުމީ އެއާލައިން، "މޯލްޑިވިއަން"ގެ މާލީ ހާލަތު މިހާރު އޮތީ އެހާ ރަނގަޅަކަށް ނޫނެވެ. މައްސަލަތަކުގެ ތަފްސީލު އެ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖްމަންޓުން ބަންޑުންކޮށްލީ ދައުލަތުގެ ކުންފުނިތަކުގެ ކަންތައްތައް ބަލަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް އިއްޔެ ހާޒިރުކުރުމުންނެވެ.
މޯލްޑިވިއަނުން ކުރާ އެތެރޭގެ ދަތުރުތަކުގެ ޓިކެޓް އަގުބޮޑުކުރުމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުގެ ޓޮޕްމެނޭޖްމަންޓް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް އައިއޭސްގެ ވެރިން ހާޒިރުކުރީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އައިއޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާރު ވިދާޅުުވި ގޮތުގައި އެކުންފުންނަށް މާލީ ގޮތުން ގެއްލުންވާ މައިގަނޑު ތިން ސަބަބެއް އެބަ އޮތެވެ.
ޖީއެމްއާރު އައި ހިސާބުން އާމްދަނީގެ ދެ ވަސީލަތެއް ގެއްލުނު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރް ގްރޫޕާ ހަވާލުކުރި އެވެ. ވެލާނާ އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިން ސާވިސަށް އާއި ކާގޯ ސާވިސަސް އަކީ އައިއޭއެސް އަށް އޮތް މަސައްކަތްތަކެކެވެ.
"އެ ހިދުމަތްތައް [މިހާރު] ވަނީ އައިލެންޑް އޭވިއޭޝަނުން ރިމޫވްކޮށްފައި،" މިހާދު ވިދާޅުވި އެވެ.

ޖީއެމްއާރާ އެއާޕޯޓް ހިންގަން ހަވާލުކުރި އިރު އެ މަސައްކަތްތައް އައިއޭއެސް އިން ނަގައި ޖީއެމްއާރަށް ދީފައި ވާތީ، ޖީއެމްއާރު ބޭރުކޮށްލުމަށް ފަހު އެ މަސައްކަތްތައް ލިބުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށެވެ. އޭރުއްސުރެ އެ ކަން އޮތީ އެމްއޭސީއެލްއަށެވެ.
އެ ދެ މަސައްކަތަށް ލިބޭ އާމްދަނީގެ ތަފްސީލު ނޭނގުނަސް އެއީ ބޮޑު އާމްދަނީ އެއް ލިބޭނެ ކަމެކެވެ.
ޕަސެންޖަރުން މަދު، އާ މަންޒިލްތަކަށް ދަތުކުރަކުރަން ޖެހުން
އައިއޭއެސް ފުރަތަމަ އުފައްދައި މޯލްޑިވިއަންގެ ދަތުރުތައް ފެށި އިރު ރާއްޖޭގައި އޮތީ އެންމެ ފަސް ޑޮމެސްޓިކް އެއާޕޯޓެވެ. ޑޮމެސްޓިކް އެއާޕޯޓްތައް އިތުރުކުރުމުގެ މަސައްކަތް އޭރުއް ފެށިގެން، ހުރިހާ ސަރުކާރަކުން ހެން އައީ ކުރަމުންނެވެ. އެހެންވެ މިހާރު އެ އެއާލައިނުން ދަތުކުރަން ޖެހޭ 14 އެއާޕޯޓެއް އެބަ އޮތެވެ.
މިހާދު ވިދާޅުވީ މޯލްޑިވިއަން އޮޕަރޭޓްކުރަން ޖެހޭ އެއާޕޯޓްތައް އެވަރަށް އިތުރުވުމާ އެކު އާމްދަނީ ލިބޭ ވަސީލަތްތަކެއް ގެއްލުމުން "ކުރިއަށް ގެންދަން ދަތިވާނެ" ކަމެކެވެ.
"އެހެންވީމާ ކުންފުނީގެ ހާލަތު މިގޮތަށް މިހެން ކުރިއަށް ގެންދިއުމަކީ ވަރަށް ދަތިކަމަކަށް ވާނެ. އަދި އަމްދުން އެތެރޭގެ އުދުހުންތަކުގެ އަގުތައް ކޮންޓްރޯލްކުރެވި އޭގެ ސަބްސިޑީއެއް ނިލިބޭހާ ހިނދަކު،" މިހާދު ވިދާޅުވި އެވެ.
ތެލާއި ސްޕެއާޕާޓްސް އަގުބޮޑުވުން
މިހާދު ވިދާޅުވި ގޮތުގައި ކޮވިޑްގެ ކުރިން ޖެޓްފިއުލް ލީޓަރެއްގެ އަގު ހުރީ 12 ރުފިޔާގައި ކަމަށް ވިޔަސް އޭގެ ފަހުން ސެޕްޓެމްބަރު، 2022 އާ ހަމައަށް ލީޓަރެއް ހުރީ 22 ރުފިޔާއަށެވެ. އޭގެ ފަހުން ލީޓަރަކުން އަގުހެޔޮވީ އޭނާ ވިދާޅުވި ގޮތޮގައި ހަތަރު ރުފިޔާ އެވެ.
"ރޫޓަކަށް އަޅާ ފްލައިޓެއްގެ [ފްލައިޓަކަށް ހިނގާ ހަރަދުގެ] 42 ޕަސެންޓަކީ ފިއުލް. އެކަމާ ގުޅިގެން އަޅުގަނޑުމެން ވާނީ ފިއުލް ސާޗާޖް ދެފަހަރެއްގެ މައްޗަށް އިތުރުކޮށްފައި،" މިހާދު ވިދާޅުވި އެވެ.
ހަަރަދު ބޮޑުވި އަނެއް ދާއިރާއަކީ މަތިންދާބޯޓްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ދާއިރާ އެވެ. މޯލްޑިވިއަންގައި މިހައިތަނަށް ބޭނުންކުރަމުން އައި މަތިންދާބޯޓްތަކަކީ ވަރަށް ބާ މަތިންދާބޯޓްތަކަކަށް ވާތީ މަރާމާތަށް ހިނގާ ހަރަދު ބޮޑުކަމަށާއި އާ މަތިންދާބޯޓްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.












