ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ގާނޫނާ ގަވައިދާ ހިލާފު ކަންކަން ހިނގި ނަމަވެސް އެކަމުގައި ފުލުހުންނަށް އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނޯންނަ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގައި ބޮޑުތަކުރުފާނު މަގުން ދަތުރުކުރާ ޕަބްލިކް ޓްރާންސްޕޯޓާއި އާންމުންގެ ވެހިކަލްތަކަށް ހުރަސް އަޅާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން ފިޔަވަޅެއް ނާޅާތީ ފުލުހުންނަށް ބޮޑެތި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު "އަދަދު" އަށް ވިދާޅުވީ މިފަދަ ކަންކަމަށް ފިޔަވަޅު އަޅަން ފުލުހުން މަސައްކަތްކުރިނަމަވެސް ދައުލަތުގެ އެހެން މުއައްސަސާތަކުގެ ވިސްނުން މިފަދަ ކަންކަމުގައި ތަފާތުވުމުން ހުރަސްތަކެއް ދިމާވާ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފު ނުވަތަ އާންމު މަސްލަހަތާ ފުށުއަރާ އަމަލެއް ހިންގުމުން ފިޔަވަޅު އެޅުމުގެ އިހުތިސޯސް އޮންނަ އެހެން މުއައްސަސާތަކަށް ކަމާ ގުޅޭ މައުލޫމާތު ރަސްމީކޮށް ހުށަހެޅި ނަމަވެސް ފިޔަވަޅެއް އެޅޭތަން ނުފެނޭ،" ސީޕީ ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކުގައި ފުލުހުން އަމިއްލައަށް އިސް ނަގައިގެން، ތަހުގީގު ކޮށް މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހެޅި ނަމަވެސް އެފަދަ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ބަލައިނުގަންނަ ކަަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅުގެ މުޒާހަރާގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ހިދުމަތްދޭ ބަސްތަކަށް ހުރަސްއެޅުން އާންމުވެފައިވާއިރު، ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި އެގޮތަށް ބަހަކަށް ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުން ދިވެހި އަދި ޕީޕީއެމްގެ ދިދަ ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ ބަހުގެ ކުރިމަައްޗަށް އަރާ ޝުއޫރުފާޅުކޮށްފަ އެވެ. އާންމު ގޮތެއްގައި މިހެން ހުއްޓުވާ ބަހުގެ ސަބަބުން އާންމު ޓްރެފިކަށްވެސް އެތައް މިނެޓެއް ވަންދެން ހުރަސްއެޅެ އެވެ.













