ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ދައުވާކޮށްފައިވާ ފަރާތްތަކުން އެދިފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރުތައް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުންވެސް ނިންމައިފި އެވެ.
ހައި ކޯޓުން މިހެން ނިންމާފައިވަނީ އެ މައްސަލާގައި ދައުވާ ރައްދުވާ ކްރިކް ރިޒާ އަދި ސަންގެ ދެ ކުންފުނީގެ ފަރާތުން ވެސް ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމުން، އެފަދަ އަމުރުތަކެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލާގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީނާއި މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
ކްރިކް ރިޒާގެ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވަނީ، ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މައްސަލާގައި ދައުވާކޮށްފައިވާ ކްރިކް ރިޒާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯއެއް ސިއްރުކޮށްދިނުމަށެވެ.

ސަން އިންވެސްޓްމަންޓުން އެދިފައިވަނީ އެތެރޭގެ ތަހުގީގަކަށް އެ ކުންފުނީގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ދިން ބަޔާނަކާއި، އެ ކުންފުނީގައި މަސައްކަތް ކޮށްފައިވާ ބިދޭސީ ބައެއް މީހުން ދީފައިވާ ބަޔާންތަކެއްގެ އިތުރަށް ޑިރެކްޓަރުންގެ ބޯޑުގެ ބައެއް ގަރާރުތަކަށް އެ އަމުރު ނެރެދިނުމަށެވެ.
މި މައްސަލާގައި މިއަދު ހައި ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ހެކި ރައްކާތެރި ނުކޮށްފި ނަމަ ލިބޭނެ ކަމަށް ބުނާ މާލީ ގެއްލުން ބިނާވާން ޖެހޭނީ އަނގަބަހުގެ މައްޗަށް އެކަނި ނޫން ކަމަށާއި ގެއްލުން ލިބޭ ކަމަށް ބުނާ ބުނުމަށް ބާރުދޭ ހެއްކާއި ގަރީނާ ހުށަހަޅަންޖެހޭނެ ކަމަށެވެ.
ނަމަވެސް އަމުރަށް އެދުނު ފަރާތްތަކަށް އެކަން ކުރެވިފައި ނުވާކަން ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މި މައްސަލާގައި ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ކަމަށް ނުފެންނަ ކަމަށް ހައި ކޯޓުން ވަނީ ނިންމާފަ އެވެ.
މައްސަލައިގެ ފަސްފަހަތް
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެ ގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ޔާމީންގެ ވަކީލުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.













