އޭނާއަށް "ޓިނު އަދުރޭ" ކިޔުމުގެ ފަހަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އަރުވާލީ އެހެން މައްސަލައެއްގައި ކަމަށް އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މި ނޫހުން ގެނެސްދޭ ސިޔާސީ ޓޯކް ޝޯ "ކުޅިކޮށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އޭނާއާ ދިމާލަށް ޓިނު އަދުރޭ ކިޔާ މީހުންނަށް އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
"ވަރަށް ގިނަ މީހުން މީޑިއާގައި އެބަ ކިޔާ ޓިނު. އެއީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން. އަޅުގަނޑަށް ވެސް ނޭނގޭ ކީއްވެ ކިޔާ އެއްޗެއް ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭނާ އަރުވާލީ އެސްޓީއޯގެ ވަޒީފާއެއްގައި އުޅުނުއިރު ދިމާވި ފައިސާގެ މައްސަލައެއްގައި ކަމަށެވެ. ނަމަވެސް ވިދާޅުވީ އެއިރު ވެސް އެއްވެސް ކުށެއް ނުކުރާ ކަމަށެވެ.

"އަޅުގަނޑު 1985 ގައި އެސްޓީއޯގެ މެނޭޖަރަކަށް ހުރީ. ހުއްޓާ އެތަނުގައި ދިމާވިި ފައިސާގެ މައްސަލައެއްގައި ކަމަށް ބުނެ އަޅުގަނޑުގެ މައްޗަށް ތަހުގީގެއް ހިންގާފައި ދުވަސްކޮޅަކަށް ހުކުމްކޮށްފައި އަޅުގަނޑު އަރުވާލީ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އޭނާއަކީ ވެރިކަން ބޭނުންވާ މީހެއް ނޫން ކަމަށާއި އަބަދުވެސް ހުންނަން ބޭނުންވެވަޑައިގަންނަވަނީ ރައްޔިތުންގެ ބަސް ބުނާ މީހެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑު ސިޔާސީ މަގާމަކަށް ދަންޏާ ދާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށޭ ހިތަށް އަރަނީ. އަޅުގަނޑަކީ ވެރިކަން ބޭނުންވާ މީހެއް ނޫން. ވެރިކަމެއް ވެސް ނައިބު ރައީސް ކަމެއް ވެސް ވަޒީރުު ކަމެއް ވެސް ބޭނުމެއް ނުވޭ. އަޅުގަނޑު އަބަދުވެސް ބޭނުން ވަނީ ރައްޔިތުންގެ ފަރާތުން ބަސް ބުނާނެ ފުރުސަތެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.












